ގެލެކްސީ އެސް26 ސީރީޒްއަށް އެއާޑްރޮޕް ސަޕޯޓް ދެނީ

އެއާޑްރޮޕް އަކީ އެޕަލް ޔޫޒަރުންގެ މެދުގައި ވަރަށް މަޤުބޫލު ފީޗާއެއް ---

ސެމްސަންގްގެ ގެލެކްސީ ސްމާޓްފޯންތަކާއި އެޕަލްގެ އައިފޯނުތަކާ ދެމެދު އެއްވެސް އިތުރު އެޕްލިކޭޝަނަކާ ނުލައި ސީދާ ފައިލް ފޮނުވޭނެ ގޮތް ހެދުމަށް ޓަކައި، އެޕަލްގެ 'އެއާޑްރޮޕް' ސަޕޯޓް ގެނައުމަށް ސެމްސަންގުން ތައްޔާރުވާން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ފީޗާ އެންމެ ފުރަތަމަ ތަޢާރަފުކުރާނީ މިއަހަރު ފަހުކޮޅު ނެރޭ ގެލެކްސީ އެސް26 ސީރީޒްގައެވެ.

ކޮރެއާގެ އީބީއެން ނިއުސް ސެންޓަރާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެމްސަންގް މޯބައިލް ޑިވިޜަންގެ ޕްރެޒިޑެންޓް އަދި ސީއޯއޯ ވޮން-ޖޫން ޗޯއީ ވަނީ ޖަޕާނުގައި ބޭއްވި ޕްރެސް އިވެންޓެއްގައި މިކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ފީޗާ ދޫކުރަމުންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.

https://sun.mv/215416

މި ފީޗާ އާންމުވުމާއެކު، ސެމްސަންގްގެ 'ކުއިކް ޝެއާ' މެދުވެރިކޮށް އައިފޯން، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށް ފޮޓޯ، ވީޑިއޯ އަދި ޑޮކިއުމަންޓްތައް ފޮނުވޭނެއެވެ.

މީގެ ކުރިން ލީކުވެފައިވާ މަޢުލޫމާތުތައް ބުނާގޮތުން، މިގޮތަށް ފައިލް ފޮނުވާއިރު އެޕަލް ޑިވައިސްތަކުގެ އެއާޑްރޮޕް އޮންކޮށްފައި (ވިޒިބިލިޓީ ދީފައި) ބަހައްޓަން ޖެހޭނެއެވެ. އަދި ފައިލް ޓްރާންސްފާ ކުރާ ވަގުތުކޮޅު ގެލެކްސީ ފޯނުގެ ވައިފައި ވަގުތީގޮތުން ކަނޑައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެއާޑްރޮޕް އަކީ އެޕަލް ޔޫޒަރުންގެ މެދުގައި ވަރަށް މަޤުބޫލު ފީޗާއެކެވެ. މީގެ ފަސޭހަކަމާ ހުރެ ގިނަ ބަޔަކު، ޚާއްސަކޮށް ރައްޓެހިންނާއި އާއިލާގެ ގިނަ މީހުން އައިފޯނު ގެންގުޅޭނަމަ، އެޕަލް ބްރޭންޑް ދޫކޮށް އެހެން ބްރޭންޑްތަކަށް ބަދަލުވާން ފަސްޖެހެއެވެ.

ސެމްސަންގުން މި ގެންނަ ބަދަލަކީ، އައިފޯނުން ގެލެކްސީ ފޯނުތަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް އޮތް މި ހުރަސް ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސެމްސަންގުން މިހާރުވެސް އަންނަނީ އައިފޯނުން ގެލެކްސީ ފޯނުތަކަށް ޑޭޓާ ބަދަލުކުރުމަށް "ސްމާޓް ސްވިޗް" ޓޫލް ވަރަށް ބޮޑަށް ޕްރޮމޯޓްކުރަމުންނެވެ.

ގެލެކްސީ އެސް26 ގެ އިތުރުން، ކުރީގެ ގެލެކްސީ ފޯނުތަކަށްވެސް 'ވަން ޔޫއައި 9' ފަދަ ސޮފްޓްވެއާ އަޕްޑޭޓްތައް މެދުވެރިކޮށް މި ފީޗާ ލިބޭނެކަމަށް ބެލެވެއެވެ.

ގޫގުލްއިން ވެސް ވަނީ މިދިޔަ އަހަރު ޕިކްސެލް ފޯނުތަކުގައި، އެންޑްރޮއިޑް އަދި އެޕަލް ޑިވައިސްތަކާ ދެމެދު އިންޓަނެޓާ ނުލައި (ޕިއާ-ޓު-ޕިއާ ކަނެކްޝަނެއް މެދުވެރިކޮށް) ފައިލް ބަދަލުކުރެވޭނެ ގޮތް ތަޢާރަފުކޮށްފައެވެ. ގޫގުލް އިން ވަނީ މި ސަޕޯޓް އިތުރު އެންޑްރޮއިޑް ފޯނުތަކަށް ފުޅާކުރާނެކަމަށްވެސް ބުނެފައެވެ.

މާކެޓުގެ ޓްރެންޑްތައް ބަދަލުވަމުން އަންނަ ގޮތުން، މިހާރު ޒުވާނުން ސްމާޓްފޯނު ގަންނައިރު ވަކި ބްރޭންޑަކަށް ތަބާވުމުގެ ބަދަލުގައި ބޮޑަށް އިސްކަންދެނީ ފޯނުގައި ހުންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކާއި ބޭނުންތެރި ކަންކަމަށެވެ.

އެންޑްރޮއިޑް އަދި އައިއޯއެސްއާ ދެމެދު ފަސޭހައިން ފައިލް ބަދަލުކުރެވޭނެ މަގު ތަނަވަސްވުމުން، ދެ ޕްލެޓްފޯމުގެ ދެމެދުގައި ފޯނު ބަދަލުކުރުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް