ގައުމީ އިނާމަށް ނަން ހުށަހަޅަން ބުދަ ދުވަހު ހުޅުވާލަނީ

މިދިޔަ އަހަރު ގައުމީ އިނާމު ލިބުނު ބައެއް ބޭފުޅުންނާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ގައުމީ އިނާމަށް ބުދަ ދުވަހުން ފެށިގެން ނަން ހުށަހެޅޭނެ -- ފޮޓޯ/ ރައީސް އޮފީސް

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުން ފެށިގެން ހުޅުވައިލާނެކަން، ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ ބުދަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 30ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ކަމަށެވެ.

މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށް، ރައީސް އޮފީހުން ބުންޏެވެ. އިނާމަށް އެދި ފޯމު ހުށަހަޅާއިރު ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި އަހަރު ވެސް ގައުމީ އިނާމަށް ހުޅުވައިލަނީ މައިގަނޑު 39 ދާއިރާއަކުންނެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމު ދިނުން އޮތީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. މި އަހަރު ގައުމީ ދުވަސް ދިމާވަނީ އޮގަސްޓު މަހުގެ 15ވާ ހޮނިހިރު ދުވަހާއެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ މޭ މަހުގެ ހަވަނަ ދުވަހު ހުޅުވައިލާނެ ކަމަށް، ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް