ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރާޖްކުމާރު ރާއޯ އަދި ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ ފިލްމު "ރަފްތާރު" އިއުލާނުކޮށްފިއެވެ.
މި ފިލްމު މި އަހަރުގެ ޖުލައި މަހުގެ 24ގައި ސިނަމާތަކަށް އަންނާނެކަން އެމެޒޯންގެ އެމްޖީއެމް ސްޓޫޑިއޯސްއިން ވެސް ވަނީ ހާމަކޮށްފައެވެ.
ވަރަށް ވަރުގަދަ އެކްޝަން ތުރިލާ ޑްރާމާއެއް ކަމަށްވާ މި ފިލްމަކީ ކާމްޕާ ފިލްމްސް ބެނާގެ ދަށުން އުފައްދާ ޕްރޮޖެކްޓެކެވެ. މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ތަރުން ބާލީއެވެ. ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ރޯހަން ނަރުލާއެވެ.
ރާޖް އާއި ކީރްތީގެ އިތުރުން، މި ފިލްމުގެ މުހިއްމު ރޯލްތަކުން އަނޫރާގް ތާކޫރު، ރޯހަން ވަރުމާ، ތާނިޔާ މަނިކްތަލާ އަދި ރަޖަތު ކަޕޫރު ފަދަ ހުނަރުވެރި ތަރިން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރާޖް ކުމާރު ރާއޯ މުހިއްމު ރޯލް ކުޅުނު ފިލްމު "މާލިކް"ގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ
މި ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައި ވަނީ، އުއްމީދުތަކާއި ކާމިޔާބީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. ޚާއްސަކޮށް، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސްޓާޓްއަޕް ކުންފުންޏެއްގެ ތެރޭގައި ހިނގާ ކަންތައްތަކާއި، އަމާޒެއް އޮތް ފިރިހެނަކާއި އޭނާއާ އެއްވަރަށް ކާމިޔާބީ ހޯދުމަށް ހިތްވަރާ އެކު މަސައްކަތްކުރާ އަންހެނެއްގެ މެދުގައި އޮންނަ ވަރުގަދަ ގުޅުން ފިލްމުން ދައްކުވައިދޭނެއެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ ރާޖްކުމާރު ރާއޯ އެންމެ ފަހުން ފެނިގެންދިޔައީ 2025ވަނަ އަހަރު ރިލީޒްކުރި އެކްޝަން ތުރިލާ "މާލިކް" އިންނެވެ.
ރާޖްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ ބަތަލާ ސާންޔާ މަލްހޯތުރާއާއެކު އޭނާ ކުޅޭ ކޮމެޑީ ފިލްމު "ޓޯސްޓާ" ހިމެނެއެވެ. މި ފިލްމު މިދިޔަ އަހަރުގެ އޮގަސްޓް މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެ ކަމުގެ އަޑުތަކެއް އެރި ނަމަވެސް އެ ޕްލެޓްފޯމަށް ފިލްމު އައިސްފައެއް ނުވެއެވެ.