ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި ކެމްޕޭން ބެނާތަކާއި ޕޯސްޓަރުތައް ނެގުމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހިންގި ޖިނާއީ ޖަރީމާއެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައި ހުރި ބެނާތަކާއި ކެމްޕޭން ޕޯސްޓަރުތައް އެޗްޑީސީން ވަނީ ނަގާފައެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ ޒާޔާ ވިދާޅުވީ، ހުޅުމާލޭގައި ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތައް ބަހައްޓަން އެޗްޑީސީގެ ހުއްދައަށް އެންމެ ފުރަތަމަ އެދުނު ކެންޑިޑޭޓަނަކަށް އޭނާ ވާނެ ކަމަށެވެ.
"މިއަދާ ހަމައަށް ވެސް އެ ހުއްދަ ވަނީ އަޅުގަނޑުމެންނަށް ނުދީފައި،" އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ރައްޔިތުންނަށް ފެންނަ އާންމު ތަންތަނުގައި ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތައް ބެހެއްޓުމަކީ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެންވެ، ހުޅުމާލޭގެ ދާއިރާއަށް ކުރިމަތިލައިގެން އުޅޭ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ހުޅުމާލޭގައި ޕޯސްޓަރުތަކާއި ބެނާތައް ބެހެއްޓޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"އެޗްޑީސީން ކުރަމުން މި ގެންދާ އަމަލަކީ އަޅުގަނޑުގެ އިންތިޚާބީ ހައްގަށް ނުފޫޒު ފޯރުވައި، ކުރިއަށް ގެންދާ ސީދާ ޖިނާއީ ޖަރީމާއެއް،" ޒާޔާ ވިދާޅުވިއެވެ.
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެޗްޑީސީން އެކަން ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ. އެއީ، ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕޭނަށް ފަހި ފުރުސަތެއް ހޯދައިދިނުމަށް ފަހު، އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސްއަޅަން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގައި ހަރުކޮށްފައި ހުރި ބައެއް ޕޯސްޓަރުތައް ނަގާފައިވަނީ ހުއްދަ ނުނަގާ ބަހައްޓާފައި ހުރުމުން ކަމަށް ބުނެފައެވެ.
މިދިޔަ ޖަނަވަރީ މަހު އެޗްޑީސީން ވަނީ ހުޅުމާލޭގައި ބިލްބޯޑާއި ބެނާ ހަރުކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފައިވާކަން އިއުލާންކޮށްފައެވެ. އަދި، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އެ ކޯޕަރޭޝަންގެ ހުއްދަ ނެތި ބެނާއާއި ޕޯސްޓަރު ފަދަ ތަކެތި ހަރުކުރުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން އެކި ފަހަރު މަތިން އިއުލާނުކޮށްފައިވެއެވެ.
މީގެ ކުރީ އިންތިޚާބުތަކާ ދިމާކޮށް ވެސް، ހުއްދަ ނުނަގައި ޕޯސްޓަރާއި ބެނާ ޖަހައިފައިވާ ކަމަށް ބުނެ، އެ ތަކެތި އެޗްޑީސީން ނަގައިފައިވެއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.