ހަނިމާދޫން ހިރިމަރަދޫ މީހުންނަށް ގޯތި ދޭ މައްސަލަ ފުލުހަށް، "ޖިނާއީ ކުށެއް ނެތް"

ހދ. ހަނިމާދޫން އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލަ ފުލުހުން ބަލަން ދެކޮޅު ހަދައިފިއެވެ. ކައުންސިލްގެ ހުއްދަ ނެތި އަދި ބިން ބޭނުންކުރުމުގެ ޕްލޭނާ ޚިލާފަށް ބިން ދޫކުރާ ކަމަށް ބުނެ ހުށަހެޅި މި މައްސަލައަކީ އިދާރީ މައްސަލައެއް ކަމަށާއި، މިކަމުގައި އެއްވެސް ޖިނާއީ ކުށެއް އެކުލެވިގެން ނުވާތީ މައްސަލަ ކުރިއަށް ނުގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައަށް މަދަނީ ގޮތުން ހައްލު ހޯދުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

  • ހަނިމާދޫން ހިރިމަރަދޫ މީހުންނަށް ގޯތި ދޭ މައްސަލަ ފުލުހުން ބަލަން ދެކޮޅު ހަދައިފި.
  • ފުލުހުން ބުނެފައިވަނީ މިއީ ޖިނާއީ ކުށެއް ނޫން ކަމަށާއި މިއީ އިދާރީ މައްސަލައެއް ކަމަށް.
  • ކައުންސިލުން ތުހުމަތުކުރަނީ ގޯތި ދެނީ ބިން ބޭނުންކުރުމުގެ ޕްލޭނާ ޚިލާފަށް ކަމަށް.
  • ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެއް.

ހދ. ހަނިމާދޫން އެ އަތޮޅު ހިރިމަދޫ މީހުންނަށް ގޯތި ދޭން އުޅޭތީ ފުލުހުންނަށް ހުށަހެޅި މައްސަލައެއް ނުބަލަން އެ ޚިދުމަތުން މިއަދު ނިންމައިފިއެވެ.

ހަނިމާދޫ މީހުންނަށް ގޯތި ނުދީ، އެ ރަށަށް ހިރިމަރަދޫ މީހުން ގެންގޮސް ގޯތި ދިނުމާ މެދު އެ ރަށު މީހުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމުގެ މަސައްކަތްކުރަނީ ކައުންސިލުން ހުއްދަ ނުނަގައި، ނުވެސް އަންގާ ކަމަށެވެ. އަދި، އެ މަސައްކަތުގެ ތެރެއިން ނަގާ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ވެސް ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ބަންޑާރަ ގެއަކަށް ބަދަލު ދީފައި އޮތްތަނަކުން ފެށިގެން ކަމުން، އެ ކަން ހުއްޓާލަން މަސައްކަތްކުރާ ފަރާތަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވި ގޮތުގައި ހަނިމާދޫން ހިރިމަރަދޫ މީހުންނަށް ބިން ހަމަޖައްސާފައިވަނީ ލޭންޑް ޔޫސް ޕްލޭނާ ވެސް ޚިލާފަށެވެ. އެއީ ރައްޔިތުންގެ ނިންމުމާ ވެސް ޚިލާފަށް ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެކަމަކު، ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ހަނިމާދޫން ބިން ދޫކުރުމާ މެދު ކައުންސިލްގެ ކަންބޮޑުވުންތަކެއް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އެކަމަކު، އެއީ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތެއްގެ މައްސަލަ ކަމަށް ފުލުހުން ބުންޏެވެ.

"މިހާތަނަށް ބެލިބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައެއް ނުވެއެވެ،" މެސެޖުގައި މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެންވެ، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދަން އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ގާތްގަނޑަކަށް އާބާދީގައި 300 މީހުން ވެސް ހަމަނުވާ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ނިންމީ މިދިޔަ ފެބްރުއަރީ މަހެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ހިރިމަރަދޫ މީހުން ގިނަ ވެގެން ދޮޅު އަހަރު ތެރޭގައި ހަނިމާދުއަށް ބަދަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެ މީހުން ބަދަލުކުރަނީ ގެ އަޅައި ނިންމާފައެވެ.

comment ކޮމެންޓް