ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ބައްޓަންވެފައި އޮތްގޮތުން، ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ޤައުމުގެ މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އިންތިޚާބެވެ. ނަމަވެސް، މި ދެ އިންތިޚާބު ދެ ދުވަހެއްގައި، މަދު މަސްތަކެއްގެ ފަރަގަކާއެކު ބޭއްވުމަކީ އޭގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އަބަދު އިންތިޚާބެއްގެ ތެރޭގައި އުޅެން ޖެހުމަކީ، ގަދަކަމުން މިރާއްޖެއަށް ހެޔޮވަރުކޮށްފައިވާ، މި ޑިމޮކްރަސީގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ އުނދަގުލެކެވެ. މިއަދު ރައްޔިތުން ބޭނުންވަނީ އިންތިޚާބުތަކުން ހިންދެމި ގައުމީ ތަރައްގީއާއިގެން ކުރިއަށްދާށެވެ.
މިކަމަށް އޮތް އެންމެ ރަނގަޅު ހައްލު ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ ހޯއްދަވައި ދެއްވައިފައެވެ. އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމެވެ. އާދެ! ބޮޑު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމެވެ.
ކޮންގްރެސް ޕާޓީން ބޭއްވި "ދިވެހީންގެ ރާއްޖެ ތަރީވީސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ މި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ. މިއީ ހަމައެކަނި ސިޔާސީ ވިސްނުންފުޅެއް ނޫން ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބޭނެ މަންފާތައް ގިނަގުނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ފާހަގަ ކުރެއްވި މަންފާތަކުގެ ތެރޭގައި ޑިމޮކްރަސީއާއި ހިންގުން ހަރުދަނާވުމާއި ގައުމަށް ހަމަޖެހުން ލިބުމާއި ޚަރަދު ކުޑަވުން ހިމެނެއެވެ.

ވޯޓުލާ މަރުކަޒެއް ދޮށުގައި މީހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
ވޯޓުލާން ނިކުންނަ ރައްޔިތުންގެ ނިސްބަތް އިތުރުވުން
ޑިމޮކްރަސީގެ މުހިންމު އެއް އަސާސަކީ ގިނަ ރައްޔިތުންގެ ވޯޓެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާން ނިކުންނަ ރައްޔިތުންގެ ނިސްބަތް އިތުރުވެގެންދާނެ އެވެ. ރާއްޖޭގެ އިންތިޚާބީ ތާރީޚަށް ބަލާއިރު، އެންމެ ގިނަ ރައްޔިތުން ޝައުޤުވެރިކަމާއެކު ވޯޓުލާން ނިކުންނަނީ ރިޔާސީ އިންތިޚާބުގައެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ބާއްވާ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާކަމަށް ރައީސް ވިދާޅުވިއެވެ. ފާހަގަވެއެވެ
ތަފާސް ހިސާބުތަކަށް ބަލާއިރު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 86.5 އިންސައްތަ މީހުން ވޯޓުލީއިރު، އޭގެ ހަ މަސް ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި އެ އަދަދު ވަނީ 70 އިންސައްތައަށް ދަށްވެފައެވެ. އަދި 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 91.4 އިންސައްތަ މީހުން ވޯޓުލާން ނިކުތްއިރު، މަޖިލިސް އިންތިޚާބުގައި އެ ނިސްބަތް އުޅުނީ 78.8 އިންސައްތައިގައެވެ. 2018 ވަނަ އަހަރުގެ އަދަދުތަކަށް ބަލާއިރުވެސް، ރިޔާސީ އިންތިޚާބުގައި 89.22 އިންސައްތަ މީހުން ވޯޓުލީއިރު، ޖެހިގެން އައި އަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުލީ 81.32 އިންސައްތަ މީހުންނެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 87 އިންސައްތަ މީހުން ވޯޓުލީއިރު، މަޖިލިސް އިންތިޚާބުގައި އެ އަދަދު ވަނީ 76 އިންސައްތައަށް ވެއްޓިފައެވެ.
ޑިމޮކްރަސީގެ އަސާސަކީ ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު މަންދޫބުން ހޮވުން ކަމަށްވާއިރު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ މަޖިލީހުގެ މެންބަރުންނަކީ ވެސް އެ މަންދޫބުންގެ ދާއިރާގެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ތަމްސީލުކުރާ ބަޔަކަށް ހެދުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ބަޖެޓުގެ ދަތިކަމާއި ތަރައްޤީގެ މަޝްރޫޢުތައް
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އަނެއް މުހިންމު ނުކުތާއަކީ ގައުމު ހިންގުމުގައި ދިމާވާ އުނދަގޫތަކެވެ. އޭގެ އެއް މިސާލަކީ އައު ސަރުކާރެއް އަންނައިރު ބަޖެޓުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެވެ. މިހާރު ކަން ހިނގާގޮތުން، އައު ސަރުކާރެއް ހަވާލުވާއިރު، ކުރީގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ބަޖެޓަކަށް އަމަލުކުރަން ޖެހެއެވެ. މި ބަޖެޓަކީ އައު ސަރުކާރުގެ މެނިފެސްޓޯގެ މައްޗަށް ބިނާކޮށްފައި ނުވާ ބަޖެޓަކަށް ވުމުން އައު ސަރުކާރުގެ ތަރައްޤީގެ ތަޞައްވުރު ތަންފީޒުކުރުމަށް ފުރަތަމަ އަހަރު ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެކުގައި ބާއްވައި، އައު މަޖިލީހުން ޑިސެންބަރު މަހު ބަޖެޓް ފާސްކުރާ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމަކީ އައު ސަރުކާރަށް އެ ސަރުކާރެއްގެ ވަޢުދުތަކާ އެއްގޮތަށް މަސައްކަތް ފެށުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ. ކުރި މަގުގައި ހުރިހާ ޕާޓީތަކަށްވެސް މި މަންފާ ލިބޭނެއެވެ. ނަމަވެސް، ވާދަވެރިން މިހާރު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ދަނީ ވާހަކަ ދައްކަމުންނެވެ.

އޭޕްރީލް 5، 2021: ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް މާލޭގެ މަގެއްގައި ދިދަ ދަމައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިދިކޮޅު ފަރާތްތަކުގެ ފިކުރާއި ރައްޔިތުންގެ ނިންމުން
މިހާރު ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ހަދާ ވާދަވެރި ލީޑަރުންނަކީ ކުރީން މިކަމަށް ވަކާލާތު ކުރެއްވި ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބޭފުޅުން މިހާރު މިކަމާ ދެކޮޅު ހަދަނީ އިންތިޚާބުތަކާ ދިމާކޮށް "ކަޑަޖެހުމާއި ބިންގާ އެޅުމުގެ" ސިޔާސީ އުކުޅުތައް ބޭނުންކުރުމުގެ ފުރުސަތު ގެއްލިދާނެތީ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް އިލްތިމާސް ކުރެއްވީ، މިއީ ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، ޤައުމުގެ އިޤްތިޞާދަށާއި ރައްޔިތުންގެ ވަގުތަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދެކުމަށެވެ. މިހެންވެ، އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް "އާނއެކޭ" ބުނުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދައުލަތުގެ ޚަރަދު ކުޑަވެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އަދި ސަރުކާރަށް ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. މިއީ ޤައުމީ މަސްލަހަތު އިސްކޮށް، ހުރިހާ ރައްޔިތުންވެސް ފުންކޮށް ވިސްނާ، ރަނގަޅު ގޮތް ނިންމަންޖެހޭ ވަގުތެވެ.