ތެލުގެ އަގަށް އައި ބަދަލާއެކު، ހއ. ދިއްދޫގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކަށް ވަނީ އިއްޔެއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ތެޔޮ އުފުލައިދޭ ދުރުމިނަށް ބަލައި އެކި ސަރަހައްދުތަކަށް އެކި ރޭޓުން ނަމަވެސް، އެވްރެޖްކޮށް ހުރިހާ ސަރަހައްދަކަށް ވެސް އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އޭގެ ތެރެއިން ވެސް ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ރަށްތަކުގެ ތެރޭގައި ދިއްދޫ ހިމެނެއެވެ.
'ސަން' އަށް މައުލޫމާތުދިން އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި އިއްޔެއާ ހަމައަށް ޑީސަލް ލީޓަރެއް 16 ރުފިޔާއަށް ލިބުނު ނަމަވެސް، މިއަދުން ފެށިގެން އެ އަގު ވަނީ 34 ރުފިޔާ 50 ލާރިއަށް އުފުލިފައެވެ. އަދި 15 ރުފިޔާއަށް ލިބެންހުރި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 34 ރުފިޔާ 90 ލާރިއަށް އުފުލިފައެވެ.
މިއީ މީގެ ކުރިން ތެލުގެ އަގު ނުއުފުލޭ މިންވަރެކެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އަގުތައް ބޮޑުކޮށްފައި ވަނީ ރެއިން ފެށިގެންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިއްދޫގައި ތެލުގެ އަގު މިހާ މައްޗަށް ދިޔައިރު ތެޔޮ ވިއްކަމުން ދަނީ ވެސް އެންމެ ކުންފުންޏަކުންނެވެ.
އެ އަތޮޅުގެ ބައެއް އެހެން ރަށްތަކުގައި ވެސް އަގުތައް އުފުލިފައިވާއިރު، ހއ. ބާރަށުގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު އުޅެނީ 30 ރުފިޔާއިން މަތީގައި ކަމަށް 'ސަން' އަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ. އަދި އެ ރަށުގައި ތެޔޮ ވިއްކަމުން ދަނީ ވެސް ވަރަށް ބޮޑަށް ލިމިޓުކޮށްގެން ކަމަށް އޭނާ މައުލޫމާތު ދިނެވެ.
އުތުރުން ހދ. ކުޅުދުއްފުށީގައި ވެސް ތެލުގެ އަގު އުޅެނީ 29 ރުފިޔާއަށް ލީޓަރެކެވެ.
ނ. އަތޮޅުގައި ތެލުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެއް އިއްޔެ ބުނި ގޮތުގައި، އެ އަތޮޅާ ހަމައަށް ޑެލިވަރީކުރާ ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 27 ރުފިޔާ 13 ލާރިއަށް ބޮޑުވެފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 28 ރުފިޔާ 32 ލާރިއަށް އުފުލިފައެވެ.
ހަމައެއާއެކު އައްޑޫ ސިޓީގައި މިހާރު ފެޓްރޯލް ލީޓަރެއް ލިބެނީ 29 ރުފިޔާ 26 ލާރިއަށް ކަމަށްވާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ، 30 ރުފިޔާ 13 ލާރިއަށެވެ. އެ ސިޓީގެ މީދޫގައި ޑީސަލް ލީޓަރެއް ވިއްކަނީ 31 ރުފިޔާއަށެވެ. މިއީ ވެސް އަތޮޅުތެރެއިން ތެލުގެ އަގު އެންމެ މައްޗަށް އުފުލުނު އެއް ސިޓީއެވެ.
ވިޔަފާރިތަކަށް ތެޔޮ ވިއްކުމުގައި އައި ބަދަލާ ބެހޭގޮތުން އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ބުނީ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގުތައް ހުންނަނީ އެކި ރޭޓުގައި ކަމަށެވެ. ވިޔަފާރިތަކަށް ވިއްކާ ރޭޓުތަކަށް ބަދަލު އައި ނަމަވެސް އެފްއެސްއެމްގެ ޝެޑުތަކުން ވިއްކާ އަގަށް ބަދަލެއް ނާންނަކަމަށް ވެސް ފާހަގަކުރިއެވެ. އަދި އާންމުންނަށް ޝެޑުތަކުން ވިއްކާ އަގަަށް ބަދަލެއް އަންނަ ނަމަ އެކަން ހާމަކުރާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ހަނގުރާމަ ކުރިއަށްދާނަމަ، ރާއްޖެއަށް ކުރާ އިގުތިސާދީ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. ވަކިން ޚާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ކަންބޮޑުވުން އެބައޮތެވެ.
ހަނގުރާމަ ފެށުނުތާ ހަތަރު ދުވަސްފަހުން، މި މަހުގެ ތިން ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވަނީ އެ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފައެވެ.
ހަނގުރާމަ ކުރިއަށްދާނަމަ، ރާއްޖެއަށް ކުރާ އިގުތިސާދީ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، ތެޔޮ ރައްކާކުރުމުގެ ގޮތުން އެކި ގަޑީގައި ކަރަންޓު ކަނޑައި އެއްގަމު އުޅަނދު ދުއްވުން މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ގޮވާލައްވައިފައެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.