މި ރަމަޟާން މަހަށް ޚާއްސަ ކޮށްގެން، ޔޫތު މިނިސްޓްރީއާ ގުޅިގެން އުރީދޫން ކުރިޔަށް ގެންދިޔަ "އީ-ސްޕޯޓްސް ފެސްޓިވަލް 2K26'' ނިންމާލައިފިއެވެ.
ޔޫތު ހަބްގައި ބޭއްވި އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދެވެ.
ރާއްޖޭގެ ގޭމަރުންނަށް ހުޅުވާލައިގެން، ލޭން ފޯމެޓަށް އޮންލައިންކޮށް ބޭއްވި އެ މުބާރާތުގައި އީއޭއެފްސީ، ޓެކެން، ޕަބްޖީ މޮބައިލް، އަދި އެމްއެލްބީބީ ކެޓެގެރީ ހިމެނެއެވެ.
އެ ކެޓެގެރީތަކުގެ ތެރެއިން އީއޭއެފްސީ ޗެމްޕިއަންކަން ހޯދީ އެމްޔޫޖީ ޔައިޝްއެވެ.
އެމްއެލްބީބީއިން ޗެންޕިއަންކަން ހޯދީ އެލްއެންއެން ސްލީޕިން ފޮރެސްޓްއެވެ. އަދި ޕަބްޖީ މޮބައިލްއިން ޑީޖީއެން ސިންޑިކޭޓް ޗެންޕިއަންކަން ހޯދިއިރު، މި މުބާރަތުގެ ޓެކެންއިން ޗެމްޕިއަންކަން ހޯދީ އެމްޔޫޖީ އަބާންއެވެ.
މި މުބާރާތުގައި ޖުމްލަ 36 ބައިވެރިންނާއި 38 ޓީމުން ބައިވެރިވިއިރު، މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ފެނުނީ ފޯރިގަދަ ކުޅުމަކާއި، ވަރުގަދަ ޓީމުވޯކެއްގެ އިތުރުން އާދަޔާ ޚިލާފު ހުނަރުވެރި ކުޅުންތެރިންތަކެއްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
އުރީދުން ބުނެފައިވަނީ ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 އިން ހާމަވީ ރާއްޖޭގައި ވާދަވެރި ގޭމިން ހަލުވިކަމާއެކު ކުރިއަރަމުންދާ މިންވަރުކަމަށެވެ. މިއީ ޒުވާނުންނަށް އެ ކުދިންގެ ހުނަރު ދައްކާލުމަށާއި، ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އޮތް ފޯރިގަދަ މާހައުލެއްގައި ވާދަކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ މި ފެސްޓިވަލް އުރީދޫ އިން ބޭއްވި ދެ ވަނަ އަހަރެވެ. އަދި މި އަހަރުވެސް މި ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރުކަމަށާއި، ކުރިމަގުގައި މިއަށްވުރެ ބޮޑެތި މުބާރާތްތަކަކަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.