ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި އެތަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޝަރީއަތަށް، ހައްޔަރުކޮށްގެން ހާޒިރުކުރަން އަމުރުކޮށްފައިވާ އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް ތައިލެންޑްގައި ހުއްޓައި ހައްޔަރުކުރުމަށްފަހު ރާއްޖެ ގެނެސް، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އޮތީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެއީ، ބައްސާމްގެ ހިޔާނާތާ ގުޅިގެން ހެކިބަސް ނެގުމަށެވެ. އަގީލްގެ މައްޗަށް ވެސް އޮތީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ފުލުހުން 'ސަން' އަށް ބުނި ގޮތުގައި މިދިޔަ މަހުގެ 21ގައި ރާއްޖެ ގެނައުމަށްފަހު އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒުކޮށްފައެވެ.
އެ މައްސަލައިގައި އަގީލްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދުމާއެކު މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ތައިލޭންޑުގައި އޭނާ ހިފަހައްޓާފައި ވަނީ ވިސާ ވަޔަލޭޝަންގެ މައްސަލައަކާ ގުޅިގެން މިދިޔަ ޖަނަވަރީ މަހުގެ 30ގައެވެ.
އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.
އަނެއްކޮޅުން ބައްސާމް މިހާރު ވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާ އެކު ޖުމުލަ ނުވަ އަހަރެވެ.
ބައްސާމާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.