އިންސާނުންނާ އެއްގޮތް ސިފަތަކާއި ހަރަކާތްތައް ހުންނަ "ހިއުމަނޮއިޑް" ރޮބޮޓު އުފެއްދުމުގެ ސިނާޢަތުގައި ޗައިނާއިން ބޮޑު ކުރިއެރުމެއް ހޯދައި، އެމެރިކާއަށްވުރެ ބާރުމިނެއްގައި މި ދާއިރާ ކޮންޓްރޯލް ކުރަން ފަށައިފިއެވެ.
ޗައިނާގައި ދާދި ފަހުން ބޭއްވި "ސްޕްރިން ފެސްޓިވަލް ގާލާ" ގައި ދައްކާލި ކުންގް-ފޫ ސްޓަންޓްތައް ޖައްސާ ރޮބޮޓުތަކުން ވަނީ ދުނިޔޭގެ ސަމާލުކަން ހޯދައިފައެވެ.
މީގެ އިތުރުން، ޗައިނާގެ މަޝްހޫރު ފޯނު އުފައްދާ ކުންފުނި "އޮނާ" އިން ވެސް އެ ކުންފުނީގެ ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓު ސްޕެއިންގައި އޮންނަ މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) ގައި ދައްކާލުމަށް ވަނީ ތައްޔާރުވެފައެވެ.
އެރިކް ޝްމިޓްގެ އޮފީހުގެ ޗައިނާ އެންޑް އޭއައި ޕޮލިސީ ލީޑް ސެލީނާ ޝޫ ވިދާޅުވި ގޮތުގައި، މި ދާއިރާގައި ޗައިނާގެ ކުންފުނިތަކުން އެމެރިކާގެ ކުންފުނިތަކަށްވުރެ މާ ބާރަށް އަދި ގިނަ އަދަދަކަށް ރޮބޮޓު އުފައްދަމުންދެއެވެ.
"ޗައިނާގައި ވަރުގަދަ ހާޑްވެއާ ސަޕްލައި ޗެއިނެއް އެބައޮތް. މީގެ ތެރޭގައި އިލެކްޓްރިކް ވެހިކަލް (އީވީ) ސިނާޢަތުގެ ސަބަބުން ތަރައްގީވެފައިވާ ސެންސަރުތަކާއި ބެޓެރީ ފަދަ ތަކެތި ހިމެނޭ،" ސެލީނާ ފާހަގަކުރެއްވިއެވެ.

ރޮބޮޓުގެ "ސިކުނޑި" ނުވަތަ އޭއައި ސޮފްޓްވެއާ ތަރައްގީކުރުން އަދިވެސް އޮތީ ގޮންޖެހުމެއްގައި ---
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ޗައިނާގެ "ޔުނިޓްރީ" ކުންފުނިން އެމެރިކާގެ ޓެސްލާ އަދި ފިގާ ކުންފުންޏަށްވުރެ 36 ގުނަ އިތުރަށް ރޮބޮޓު ޝިޕްކޮށްފައިވެއެވެ. މި އަހަރުގެ ނިޔަލަށް މި ދާއިރާގެ އެންމެ ކުރީގައި އުޅޭނެ ކަމަށް ބެލެވެނީ ޗައިނާގެ އެގިބޮޓް، ޔުނިޓްރީ، ޔޫބީޓެކް އަދި ފޯރިއާ ފަދަ ކުންފުނިތަކެވެ.
ޗައިނާގެ އަމާޒަކީ މި ރޮބޮޓުތައް ބޭނުންކޮށްގެން ފެކްޓްރީތަކާއި، ގުދަންތަކާއި، ރީޓެއިލް ފިހާރަތަކުގައި އިންސާނުން ކުރާ ބުރަ މަސައްކަތްތައް ކުރުވުމެވެ. މިއީ އެ ގައުމަށް ދިމާވެފައިވާ މަސައްކަތްތެރިންގެ ދަތިކަމަށް އޮތް ހައްލެއް ކަމަށް ވެސް ކަމާބެހޭ މާހިރުން ދެކެއެވެ.
މި ދާއިރާގައި ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ރޮބޮޓުގެ "ސިކުނޑި" ނުވަތަ އޭއައި ސޮފްޓްވެއާ ތަރައްގީކުރުން ހިމެނެއެވެ. މިވަގުތު ރޮބޮޓުތަކުގެ ހާޑްވެއާ ނުވަތަ ހަށިގަނޑު ވަރުގަދަ ނަމަވެސް، އަމިއްލައަށް ވިސްނައިގެން ކަންކަން ކުރުމުގެ ގާބިލުކަން އަދިވެސް ހުރީ ތަންކޮޅެއް ފަހަތުގައެވެ.
ޗައިނާގެ އިތުރުން ޖަޕާނުން ވެސް ދަނީ 2027 ވަނަ އަހަރާ ހަމައަށް ރޮބޮޓުތައް ގިނަ އަދަދަކަށް އުފެއްދުމަށް ތައްޔާރުވަމުންނެވެ. ޖަޕާނުން ހާއްސަ ސަމާލުކަމެއް ދެނީ އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ރޮބޮޓު ބޭނުންކުރުމަށެވެ.
މީގެ އިތުރުން އެމެރިކާގެ ބޮސްޓަން ޑައިނަމިކްސްއިން ވެސް ދަނީ 2028 ވަނަ އަހަރާ ހަމައަށް ފެކްޓްރީތަކުގައި ބޭނުންކުރާނެ "އެޓްލަސް" ރޮބޮޓު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ޗައިނާގެ ސަރުކާރުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމު މިވަގުތު އޮތީ މި ރޭހުގެ އެންމެ ކުރީގައެވެ.