ޗައިނާގެ މަޝްހޫރު ކުންފުނި ޝޯމީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ "ޝޯމީ 17" އަދި "ޝޯމީ 17 އަލްޓްރާ" ރަސްމީކޮށް ބައިނަލްއަގުވާމީ ބާޒާރަށް ނެރެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ނެރުނު މި ސީރީޒްގެ ފޯނުތަކަކީ ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ފޯނުތަކެކެވެ.
މި ދެ ފޯނުގައިވެސް ބޭނުންކޮށްފައިވަނީ ކުއަލްކޮމްގެ އެންމެ ފަހުގެ "ސްނެޕްޑްރެގަން 8 އެލީޓް ޖެން 5" ޗިޕްސެޓެވެ. މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ކެމެރާ ބްރޭންޑެއް ކަމަށްވާ "ލެއިކާ" އާއެކު ތައްޔާރުކޮށްފައިވާ ފެންވަރު ރަނގަޅު ކެމެރާ ސިސްޓަމްތައް މި ފޯނުތަކުގައި ހިމެނެއެވެ.
ޝޯމީ 17 އަލްޓްރާގެ ސިފަތައް:
މި ސީރީޒްގެ އެންމެ މަތީ މޮޑެލް ކަމަށްވާ ޝޯމީ 17 އަލްޓްރާގައި ހިމެނޭ އެންމެ ހާއްސަ ސިފައަކީ އޭގެ 200 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެވެ. މި ފޯނުގައި 6.9 އިންޗީގެ އޭމޯލެޑް ސްކްރީނެއް ހުންނައިރު، މިއީ އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ޝޯމީގެ އާ "ހައިޕާއޯއެސް 3" ގައި ހިންގާ ފޯނެކެވެ.
މީގެ އިތުރުން 16ޖީބީ ރޭމް އާއި 512ޖީބީގެ ސްޓޯރޭޖް ހިމެނޭ މި ފޯނުގައި 6,000 އެމްޕަޔާގެ ބޮޑު ބެޓެރީއެއް ހިމެނެއެވެ. އަދި 90 ވޮޓްގެ ވަޔާޑް ޗާޖިން އާއި 50 ވޮޓްގެ ވަޔާލެސް ޗާޖިންއަށް މި ފޯނު ސަޕޯޓް ކުރެއެވެ.

މި ފޯނުތައް މިހާރު ތަފާތު އެކި ކުލަތަކުގައި ބައިނަލްއަގުވާމީ ބާޒާރުން ލިބެން ހުންނާނެ ---
ޝޯމީ 17 ގެ ސިފަތައް:
ސްޓޭންޑާޑް މޮޑެލް ކަމަށްވާ ޝޯމީ 17 ގައި ހިމެނެނީ 6.3 އިންޗީގެ އޯލެޑް ސްކްރީނެކެވެ. މި ފޯނުގެ ފަހަތުގައި 50 މެގަޕިކްސެލްގެ ތިން ކެމެރާ ހިމެނޭއިރު، 6,330 މިލީ އެމްޕަޔާގެ ބެޓެރީއެއް ވަނީ ހިމަނާފައެވެ. އަދި މިއީ 100 ވޮޓްގެ ފާސްޓް ޗާޖިން ސަޕޯޓްކުރާ ފޯނެކެވެ.
އަގުތައް:
ބައިނަލްއަގުވާމީ ބާޒާރުގައި ޝޯމީ 17 ގެ އަގު އުޅެނީ 999 ޔޫރޯ (ގާތްގަނޑަކަށް 16,650 ދިވެހި ރުފިޔާ) ގައެވެ. އަދި ޝޯމީ 17 އަލްޓްރާ ވިއްކުމަށް ހަމަޖެހިފައިވަނީ 1,499 ޔޫރޯ (ގާތްގަނޑަކަށް 24,990 ދިވެހި ރުފިޔާ) އަށެވެ.
މި ފޯނުތައް މިހާރު ތަފާތު އެކި ކުލަތަކުގައި ބައިނަލްއަގުވާމީ ބާޒާރުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ކަޅު، ހުދު، ފިޔާތޮށި އަދި ފެހި ކުލަ ހިމެނެއެވެ.