ފުވައްމުލަކު ޑުރަގު ނެޓުވޯކް: ޓްރެފިކިން ދައުވާ ސާބިތުވެ، 28 އަހަރުގެ މީހަކު 75 އަހަރަށް ޖަލަށް

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހާ: އޭނާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތްކޮށްފައިވޭ -- ފޮޓޯ/ ފުލުހުން

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ހައްޔަރުކުރި މީހަކު، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގައި 75 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ،

ކްރިމިނަލް ކޯޓުން އެ ހުކުމްކުރީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ)ގެ މައްޗަށެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާއިން މަނީލޯންޑާކުރާ ނެޓްވޯކްތަކާ ދެކޮޅަށް، 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކުރީ އޭޕްރީލް 27، 2024ގައެވެ. ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ ޖޫން 11، 2024ގައެވެ.

އެ އޮޕަރޭޝަނުގައި، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކޮށް، 78 މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑާކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިން މިލިއަނަށް ވުރެން ގިނަ ރުފިޔާއާއި 19،000އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދުނު ކަމަށް ވެސް އެ މުއައްސަސާއިން ހާމަކުރިއެވެ.

https://www.sun.mv/202328

އެ މައްސަލައިގައި ޢަބްދުލްބާސިޠު 75 އަހަރަށް ޖަލަށްލުމުގެ އިތުރުން، އޭނާ ވަނީ ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ފުވައްމުލަކުގައި އޮންނަ މަސްތުވާތަކެތީގެ ނެޓްވޯކުތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި، 2024 ވަނަ އަހަރުތެރޭ އެ ނެޓްވޯކްތައް އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އިހުސާން ވިދާޅުވީ 2024 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި ބޯޑަރުތަކުން މަސްތުވާތަކެތި އެތެރެކުރަން ގެންގުޅޭ މަގުތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް