ވަޅިއެއް ބޭނުންކޮށްގެން ފިހާރައެއް ތެރޭގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ޒުވާނަކު ފަސް ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 22:41 ހާއިރު މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި ފިހާރައެއްގެ މުއައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
ކްރިމިނަލް ކޯޓުން ނެފައިވާ އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ބަންދުކޮށްފައި ވަނީ، ހދ. މަކުނުދޫ، ލުބޯގަސްދޮށުގޭ އުމުރުން 25 އަހަރުގެ ހުސައިން މަހީލްއެވެ.
އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އޭނާ ކުއިކް ސެންޓްރޯ ފިހާރައިގެ މުވައްޒަފަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އެ ފިހާރައިގެ ތެރެއިން ކަމަށާއި އޭނާއަކީ ހައްޔަރު ނުވަތަ ބަންދުގެ ރެކޯޑު އޮތް ފަރާތެއް ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކޮށްފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ހުރުމުންނެވެ. އެގޮތުން މަންޒަރު ފެނުނު މީހާގެ ބަޔާނާއި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރުން އޭނާގެ ކުށުގެ ރެކޯޑު ހުށަހަޅާފައިވާކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ، އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާތާއި އެއްގޮތަށް ކަމަށެވެ.