ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލަށް ބަދަލެއް: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދެނީ

ސަރުކާރުން 206 މަޝްރޫއެއް ހަވާލުކުރުން: ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ އެ ކުންފުނިތަކަށް އިސްކަންދޭން ވަނީ ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ފަސް މިލިއަން ރުފިޔާއަށް ވުރެ އަގު ދަށް ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، އެ ކުންފުނިތަކަށް އިސްކަންދޭންޖެހޭ ގޮތަށް، ދައުލަތުގެ ޕްރޮކިއުމަންޓުގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަން ދިނުމާބެހޭ އުސޫލު އިސްލާހުކޮށްފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން ޖެހޭ ގޮތަށް އުސޫލު އިސްލާހުކޮށް، ސަރުކާރުން އިއްޔެ ވަނީ ގެޒެޓުކޮށްފައެވެ.

މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ފަސް މިލިއަން ރުފިޔާއަށްވުރެ އަގު ދަށް ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، ބީލަމުގެ ޝަރުތު ހަމަވާ، އެންމެ މަތިން މާކުސް ލިބޭ ކުންފުންޏަކަށް އިސްކަންދޭން ވާނެއެވެ.

އުސޫލުގައި ވަނީ، ފަސް މިލިއަން ރުފިޔާއަށްވުރެ އަގު ކުޑަ ބީލަންތަކުގެ ތެރޭ އެ ރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭނަމަ، އެ ރަށަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކުކުރެވޭ ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި މުޅި ބީލަމުގައި އެންމެ މަތިން ރޭންކުކުރެވިފައިވާ ފަރާތުން ހުށަހެޅި އަގުގެ ފަރަގު ދިހަ ޕަސެންޓަށް ވުރެ ބޮޑުނުވާ ނަމަ އެ ރަށަކަށް ނިސްބަތްވާ ފަރާތަށް ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒު: ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ އެ ކުންފުނިތަކަށް އިސްކަންދޭން ވަނީ ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް

މި އުސޫލުގައިވާ ގޮތުން، ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކުގައި ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް އިސްކަންދޭންވާނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތުގެ ޕްރޮކިއުމަންޓުގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަން ދިނުމާބެހޭ އުސޫލު އިސްލާހުކުރީ ދައުލަތުގެ ޕްރޮކިއުމަންޓްގެ މުއާމަލާތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުދި ފަންތީގެ ވިޔަފާރިތަކަށާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ލިބޭ ފުރުސަތުތައް ތަނަވަސްކޮށްދީ، އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހިކޮށްދިނުމަށް ކަމަށެވެ.

ރައީސް ވަނީ، މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސަވައިފައެވެ.

https://sun.mv/215384

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން މި އަހަރު އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި މި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން، މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތަކަށް ދިނުން ހިމެނެއެވެ.

ސަރުކާރުން މަޝްރޫއުތައް އެފަދަ ގޮތަކަށް ހަވާލުކުރުމުން، އަމިއްލަ ކުންފުނިތަކަށް ފުރުސަތުތައް ގެއްލި، އަމިއްލަ ވިޔަފާރީގައި ފައިސާ ދައުރުވުން މަދުވި ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ.

އޭގެ ފަހުން މިދިޔަ މަހު ސަރުކާރުން އެއް ފަަހަރާ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކުރިއެވެ. ނަމަވެސް ބީލަމަށް ނުލައި އެ މަސައްކަތްތައް ހަވާލުކުރުމުންނާއި، ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ކުންފުނިތަކަކަށް ވެސް މަޝްރޫއުތައް ދިނުމުން އަނެއްކާވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގެ ބިލުތައް ޝާމިލުވާ ގޮތަށް، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓުކޮށްލާފައިވާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވިއެވެ.

ހަމައެއާއެކު، ރައީސް ވެރިކަމަށް ވަޑައިގަތީ ޑޮލަރުގެ އަގު ދަށްކުރުމަށާއި ކަޅު ބާޒާރު އުވާލުމުގެ ވައުދުފުޅާ އެކުގައި ނަމަވެސް، ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އުފުލި، ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ދިމާވެފައެވެ. ރައީސް ވަނީ، 2027ގެ ފަހުކޮޅު ޑޮލަރުގެ އަގު 15.45އަށް ވެއްޓޭނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް