އަހަރު ނިމެން 4 މަސް އޮތްއިރު ކުންފުނިތަކަށް ބަޖެޓުން ދޫކުރަން ބާކީ އޮތީ 152 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު-- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އަހަރު ނިމެން ބާކީ ހަތަރު މަސް އޮތްއިރު ސަރުކާރު ކުންފުނިތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން ކުންފުނިތަކަށް ދޫނުކޮށް އޮތީ 152 މިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް' އިން ދައްކާ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޫކުރުމަށް ބަޖެޓުގައި ކަނޑައަޅައިފައިވާ 929.9 މިލިއަން ރުފިޔާގެ ތެރެއިން، 777.2 މިލިއަން ރުފިޔާ ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައްކައިފައެވެ.

އަހަރު ނިމެން ބާކީ ހަތަރު މަހާއި ދުވަސްކޮޅެއް އޮތްއިރު، ކުންފުނިތަކަށް ބަޖެޓު ތެރެއިން ދޫކުރެވެން އޮތީ 152 މިލިއަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ދޫކުރިއެވެ. އެއީ މި އަހަރާ އަޅާބަލާއިރު 474.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

https://sun.mv/215295

ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އޮތްއިރު، އޭގެ ތެރެއިން 90 ޕަސެންޓް ކުންފުނި ހިންގަމުން އަންނަނީ ގެއްލުމުގައެވެ.

ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގާއިރު ވެސް އާންމުކޮށް ބަޖެޓުގައި ޖަހާ ވަރަށް ވުރެ އިތުރަށް ކުންފުނިތަކަށް ފައިސާ ދޫކުރަން ޖެހެއެވެ. އެގޮތުން މިދިޔަ އަހަރު ކުންފުނިތަކަށް ބަޖެޓުކުރީ 378 މިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނުއިރު ކުންފުނިތަކަށްވަނީ 2.24 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. އެއީ ފުރަތަމަ ދޭން ނިންމި އަދަދަށްވުރެ 1.86 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

https://sun.mv/223527

ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ދައުލަތުގެ ޚަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ. އެ މަސައްކަތުގެ ތެރެއިން ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރުމަށް، މިދިޔަ އޭޕްރިލް މަހުގެ 18ގައި ފިނޭންސް މިނިސްޓްރީން ވަނީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފައެވެ. އޭގެ ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވެސް ވަނީ، ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަންގައިފައެވެ.

comment ކޮމެންޓް