މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސްއިން، އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު، ސަރުކާރުން ފައްޓަވާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެއް ކަމަށެވެ.
އެހެންކަމުން މި ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، އާންމު ޚިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާތީޖީ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީ މި ސެންޓަރަކީ، ދައުލަތުގެ އިދާރާތަކަށާއި އިގުތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެއް ކަމަށެވެ.
މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުން ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ.
ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށްޓަކައި، އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ދައުވަތު ހުޅުވާލާ އެ ފަރާތްތަކާ ގުޅިގެން މި ސެންޓަރުން މަސައްކަތްކުރުމަށް ހަމަޖެހިފައި ވާކަމަށްވެސް ބީއމްއެލްއިން ބުނެއެވެ.
އަދި ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި، މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މި ސެންޓަރުން މަސައްކަތްކުރާނެ ކަމަށްވެސް ބީއެލްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީ މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯއިން އިސްވެ ކުރިއަށްގެންދާއިރު އެ ކުންފުނިން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އަދި މި މަޝްރޫއުގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ގައުމުގެ ޑިޖިޓަލް އަދި މާލީ ނިޒާމު ކުރިއެރުވުމަށާއި އާންމު ޚިދުމަތްތައް ދިނުން ޒަމާނީ ކުރުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އެ ބޭންކުންދޭ އަހުމިއްޔަތުކަން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެ ބޭންކުން ވަނީ މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް ލަފާކޮށްފައެވެ.
ބީއެމްއެލްއިން ބުނީ ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުން ފަދަ މަސައްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ސެންޓަރުގެ މަސައްކަތް މި އަންނަ އެޕްރީލު މަހުގައި ފަށާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.