މިމަހުގެ ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހު ބޮޑު ކަންނެލި މަސްވެރިން މާލޭގެ އެއް ނަންބަރު ފާލަމުގެ ނެރުން ބޭރުގައި ކުރި އިހުތިޖާޖުން ހައްޔަރުކުރި މަސްވެރިންތައް ދޫކޮށްލައިފިއެވެ.
އެ އިހުތިޖާޖުން މި މަހުގެ އެގާރަވަނަ ދުވަހު ހައްޔަރުކުރީ:
- ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު އަދި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު
- ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންގެ ނައިބު ރައީސް މުޙައްމަދު ޞާދިޤު
- ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެކްސްކޯ މެންބަރު މުޙައްމަދު މުސްޠަފާ
- ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެކްސްކޯ މެންބަރު ޢަބްދުއްލަޠީފް އަޙްމަދު
މީގެ އިތުރުން މަސް ދޯނިފަހަރުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީ މަސައްކަތްތެރިން ކަމަށްވާ ބަންގްލަދޭޝްގެ ބާސިރު މިއާ އާއި ރިއާޒުއްދީނާއި ގޯލަމް ސަރޯވާރާއި މުޙައްމަދު މިތޫވެސް އެ އިހުތިޖާޖުން ހައްޔަރުކުރިއެވެ.
އޭގެ ތެރެއިން ދިވެހީންގެ ބަންދަށް ފަސް ދުވަސް ޖެހިއިރު، އެ އެންމެންވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ. އެކަމަކު އޭގެ ތެރެއިން މަޢުރޫފް އަވަހަށް ދޫކޮށްލިއިރު، އޭނާ ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ކޮށްފައެވެ.
އެ އެންމެން ދޫކޮށްލިކަން ފާހަގަކޮށް ނެރުނު ބަޔާނެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މިއަދު ބުނީ، މިއީ އެ މަސްވެރިން ދޫކޮށްލަން ގޮވާލައި، އިންސާފު ހޯދުމަށް ޔޫނިއަންގެ މެންބަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ބީކޭއެމްޔޫން ވަނީ، ބޭރުގެ މަސައްކަތްތެރި ބައެއް ޖަމިއްޔާތަކުން އެހީތެރިކަން ލިބުނުކަންވެސް ފާހަގަކޮށްފައެވެ.
"ބީކޭއެމްޔޫން މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށާއި މަސައްކަތްތެރިންނަށް އުންމީދެއް ގެނެސްދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދާނަން،" އެ ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން 20 މަސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިދިޔަ ހޯމަ ދުވަހު ބައްދަލުކުރައްވާފައިވެއެވެ.
ގާތްގަނޑަކަށް ފަސް ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުން ކާމިޔާބު ކަމަށް، ބީކޭއެމްޔޫގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޔޫނިއަންގެ ނައިބު ރައީސް އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުޙައްމަދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިވަގުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތް ތަނުގައި ހައްލު ކުރަން ހުރި ކަންތައްތަކާއި އެބަހުރި ވަރަށް ބައިވަރު ކަންތައްތައް. އެހެންވީމާ އެ ހުރިހާ ކަންތައްތަކަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް މި އުންމީދު ކުރަނީ،" އިމްރާން ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މަސްވެރިއަކު ބުނީ، މިފްކޯއަށް މަސް ކިރުމާ ގުޅޭ ގޮތުން އުންމީދީ ޖަވާބެއް ލިބުނު ކަމަށެވެ. އެ ކަން ކޮށްދޭނެ ސީދާ ތާރީޚެއް އަދި ނުލިބުނަސް އެ ކަމުގައި ކުރިއެރުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.