ހައިކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން، ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން ވަނީ އިއުލާނުކޮށްފައެވެ.
އަސާސީ މުސާރައިގެ ގޮތުގައި 45،700 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ މަހަކު ލިބޭއިރު، އެއީ ޖުމްލަ 67،000 ރުފިޔާއެވެ.
އިއުލާނުގައިވާ ގޮތުން، އަސާސީ ޝަރުތުތަކުގެ އިތުރުން ހައިކޯޓަށް ކުރިމަތިލާ ފަނޑިޔާރުން ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި، ނުވަތަ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއެވެ. ހަމަ އެހެންމެ، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެގެން ނުވާނެއެވެ.
މީގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ ޖިނާއީ ކުށެއް ސާބިތުވެ، ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެސް ވެގެން ނުވާނެއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހާއަކީ އެންމެ ދަށްވެގެން އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު، ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށް، ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި، ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ.
ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން، އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް، ނުވަތަ ހާޑުކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުރިހާ ލިޔެކިއުމެއްގެ ހާޑުކޮޕީ ހުށަހެޅޭނެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިޞަލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 23ވަނަ ދުވަހެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު ފަނޑިޔާރު ނިޔާޒުވަނީ ރިޓަޔާކުރައްވައިފައެވެ. ދެ ބޭފުޅުން ވެސް ވަކިވެވަޑައިގަތީ ދެ ބޭފުޅުން ހިމެނޭހެން ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށާފައިވަނިކޮށެވެ.