އެންމެ ދަށްވެގެން 16 ރުފިޔާއަށް މަސް ގަންނަން މިފްކޯއިންއިން މާދަމާ ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ މިރޭ ރ. ދުވާފަރުގައި އޮތް މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފްކޯއިން ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތިން މަސް ގަންނަނަމަ، މީގެ ފަހުން އެންމެ ދަށް އަގަކަށް، 16 ރުފިޔާއިން މަސް ގަންނާނެ ކަމަށެވެ.
"މާނައަކީ މިފްކޯއަށް އެ ދުވަހަކު 17 ރުފިޔާއަށް ގަނެވޭނަމަ، 18 ރުފިޔާއަށް ގަނެވޭނަމަ، [އަދި] އެ ބޭފުޅުންނަށް އެއަށްވުރެ ވެސް މައްޗަށް ގަނެވޭނަމަ މިފްކޯއިން ކަނޑައަޅާނެ އެވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަސް ކިރާ ކައްޓާތައް ޑިޖިޓަލައިޒްކުރެވިގެން ދިއުމާއެކު، މަސްވެރިންނަށް މިފްކޯއިން ލިބޭ އަދަދު މަތިވާނެ ކަމަށެވެ.
ރައީސް މީގެ ކުރިން ވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވައުދުވެވަޑައިގެންނެވި ގޮތަށް، މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

ރައީސް މުއިއްޒު ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވިދާޅުވީ, މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަގުތުތަކެއް ނެގި ކަމަށާއި އެކަންކަމަށް ވަގުތު ނެގުމަކީ ވައުދު ނުފުއްދުމެއް ނޫން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަސް ކިލޯއެއް 20 ރުފިޔާއަށް ގަތުމުގެ ވައުދު ވެސް ފުއްދަވާނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.
"މަސްވެރިކަމަކީ އަޅުގަނޑުމެން ވައުދުވި ގޮތަށް ވަރަށް ޔަގީންކަމާއެކު އަޅުގަނޑުމެން ފުއްދަމުން ދާ ކަމެއް. އަދި އެ ގޮތަށް ދާނެ ވެސް ކަމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ އިތުރު އުފާވެރި ދުވަސްތައް," ރައީސް ވިދާޅުވިއެވެ.
މިފްކޯއިން ކަނޑުމަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ވަނީ ދަށްކޮށްފައެވެ.
އެފަހުން ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހެވެ.
މިފްކޯއިން ބުނީ އޭރު މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާ ގޮތަށް، ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.
ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެގޮތުން ދޮޅު ކިލޯ މަހުގެ އަގު އާންމު ގޮތެއްގައި އަރަނީ 16 ރުފިޔާއަށެވެ.