ރާއްޖޭގެ މަސް ހިމެނޭހެން ލަންކާއަށް އެތެރެކުރާ ހިކިމަހާއި ބައެއް ކާބޯތަކެތީގެ ޑިއުޓީ ކުޑަކޮށްފި

ސްރީލަންކާއަށް އެތެރެކުރާ ދިވެހި ހިކިމަހުން ނަގާ އިމްޕޯޓް ޑިއުޓީ ނުވަތަ ސްޕެޝަލް ކޮމޮޑިޓީ ލެވީ ގާތްގަނޑަކަށް 97 ޕަސެންޓް އެ ގައުމުން ކުޑަކޮށްފިއެވެ.

ސްރީލަންކާގެ 2027 ވަނަ އަހަރުގެ ބަޖެޓުގައި، ހިކިމަހާއި ހިކި ރެހި ކިލޯއަކުން ނަގާ ޓެކްސް ނުވަތަ ލެވީ 10 ރުޕީސްއަށް އަދި ހިކި މިރުސް ކިލޯއަކުން ނަގާ ލެވީ 50 ރުޕީސްއަށް ވަނީ ކުޑަކޮށްފައެވެ. ނަމަވެސް، އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުން ހިކިމަސް ގެނައުމަށް ދަތިވެ، ދިވެހިރާއްޖެއިން އާ ސްޓޮކް ގެނައުމަށް ގާތްގަނޑަކަށް ހަފުތާއެއް ނަގާނެ ކަމަށް ސްރީލަންކާގެ އިމްޕޯޓަރުން ބުންޏެވެ.

ޕެޓާގެ ހޯލްސޭލް ވިޔަފާރިވެރިންނާއި މުދާ އެތެރެކުރާ ފަރާތްތަކުން ބުނީ ބަޖެޓުގައި މި ލުއިތައް ދިން ނަމަވެސް، އާންމުންނަށް އޭގެ މަންފާ ލިބެން އަދި ހަފުތާތަކެއް ނަގާނެ ކަމަށެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި، އީރާނުގެ ހަމަނުޖެހުންތަކާ ހެދި އެ ގައުމުން ހިކި ރެހި އެތެރެކުރުމަށް ވެސް ދަތިވެ، މިހާރު ވަނީ ތައިލެންޑުން ރެހި ގެނައުމަށް މިސްރާބު ޖަހާފައެވެ. ތައިލެންޑުގައި ރެހި ހިފުމުގެ މޫސުން ފެށެން އަދި ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށާއި، އެ ތަކެތި ސްރީލަންކާއަށް ގެންނަން ގާތްގަނޑަކަށް 20 ދުވަސް ނަގާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. މީގެ އިތުރުން، ސްރީލަންކާގެ އަމިއްލަ ރެހީގެ އުފެއްދުންތެރިކަން ވެސް މި ދުވަސްވަރު ދަށްވެފައިވާ ކަމަށް އިމްޕޯޓަރުން ފާހަގަކުރިއެވެ.

ހަމައެއާއެކު، އިންޑިއާއިން އެތެރެކުރި ހިކި މިރުހުގެ ގާތްގަނޑަކަށް 120 ކޮންޓެއިނަރުގައި ތެތްކަން ހުރި މިންވަރުގެ މައްސަލައެއްގައި ހަފުތާތަކެއް ވަންދެން ބަނދަރުގައި ހިފަހައްޓާފައި ހުރުމުން، މިރުސް އެތެރެކުރުމަށް ވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް އިމްޕޯޓަރުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ޕެޓާގެ ވިޔަފާރިވެރިން މިރުސް އެތެރެކުރަން ފަސްޖެހިފައިވާއިރު، ސްރީލަންކާއަށް ހިކި މިރުސް އެކްސްޕޯޓް ނުކުރުމަށް އިންޑިއާގެ އެކްސްޕޯޓަރުން އެ ފަރާތްތަކުގެ މެންބަރުންނަށް އަންގާފައިވާ ކަމަށް ވެސް އިމްޕޯޓަރުން ބުންޏެވެ.

މީގެ އިތުރުން، އާ ބަޖެޓުގައި ވަނީ އެތެރެކުރާ ހަކުރު ކިލޯއަކުން ނަގާ ލެވީ 10 ރުޕީސްއިން ބޮޑުކޮށްފައެވެ. މުދާ އެތެރެކުރާ ފަރާތްތަކުން ބުނި ގޮތުގައި، ހަކުރު ކިލޯއެއް އެތެރެކުރުމަށް 260 ރުޕީސް ހަރަދުވާއިރު ބާޒާރުގައި މިހާރު ކިލޯއެއް ވިއްކަނީ 230 ރުޕީސްއަށް ކަމަށް ވާތީ، ކޮންމެ ކިލޯއަކުން މިހާރު ވެސް 30 ރުޕީސްގެ ގެއްލުމެއް ވެއެވެ. އަދި ލެވީއަށް ގެނައި ބަދަލާއެކު، ހަކުރު ކިލޯއަކުން ވާ ގެއްލުން އިތުރު 10 ރުޕީސްއިން ބޮޑުވާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

comment ކޮމެންޓް