"ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ރުފިޔާއެއް ނޯންނާނެ، ދޭންޖެހޭނީ އަމިއްލަ ކުންފުނިތަކުން"

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވަޒީރު ޝިޔާމް ވާހަކަ ދައްކަވަނީ: ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ލާރިއެއް ސަރުކާރުގެ ނޯންނާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ދޭންޖެހޭ އެއްވެސް ރުފިޔާއެއް ނޯންނާނެ ކަމަށާއި، ބޮޑު ކަންނެލި މަސްވެރިންނަށް ޕްރައިވެޓް ކުންފުނިތަކުން މިލިއަނުން ދޭން ޖެހި، މަސްވެރިންނަށް އަދިވެސް ނުލިބޭ ކަމަށް، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ދެއްކެވި ވާހަކައިގައި ޝިޔާމް ވިދާޅުވީ، މިއަދާ ހަމައަށް ވެސް ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ގަންނަމުން އައީ ޕްރައިވެޓް ކުންފުނިތަކުން ކަމަށެވެ.

"ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ދޭންޖެހޭ އެންމެ ރުފިޔާއެއް ވެސް ނޯންނާނެ،" ޝިޔާމް ވިދާޅުވިއެވެ.

އެބަހުރި ޕްރައިވެޓް ކުންފުނިތަކުން ބޮޑު ކަންނެލި މަސްވެރިންނަށް މިލިއަނުން މިލިއަނުން [ރުފިޔާ] ދޭންޖެހޭ. ކޮންމެ ގޮތެއް ވިޔަސް ކޮންމެ މަސައްކަތެއް ކުރާ ބައެއް ކަމުގައި ވިޔަސް އެ ބަޔަކު ކުރާ މަސައްކަތަކަށް ލިބެންޖެހޭ އުޖޫރަ ނުވަތަ އާމްދަނީ ލިބޭ ކަމުގައި ނުވަނީ ނަމަ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ،އަޙްމަދު ޝިޔާމް - ފިޝަރީޒް މިނިސްޓަރު

ބޮޑު ކަންނެލި ބާނާ މަސްވެރިންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ބޭސް ރޭޓުގައި ތެޔޮ ނުލިބުމެވެ.

އެކަމަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލި މަސް ބާނާ ދޯނިފަހަރަށް ބޭސް ރޭޓުގައި ހުޅުމާލޭން ތެޔޮ ލިބޭނެ ގޮތް މިދިޔަ ޖޫން މަހު ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.

ހަމަ އެހެންމެ ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން މި ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ ފެސިލިޓީގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް މިއަހަރުގެ މަސްވެރިންގެ ދުވަހު ވިދާޅުވި ވިދާޅުވުމަށް އަލިއަޅުވާލައްވައި ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލި ފެކްޓްރީ އެޅުމުގެ ހުއްދަ މިނިސްޓްރީއަށް ލިބުނީ މިދިޔަ ހަފުތާގައި ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް

އޭނާ ވިދާޅުވި ގޮތުގައި އެ ފެކްޓްރީ އަޅަން ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ކުރީ ސަރުކާރުތަކަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވި ގޮތުގައި، ބޮޑު ކަންނެލި ބާނާ މަސްވެރިންގެ މައްސަލަތައް ހައްލުނުވެ އޮތީ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ވަގުތީ، ކުދި ހައްލު ހޯދަން އުޅުމުގެ ސަބަބުންނެވެ.

އެފަދައިން ވިދާޅުވެ ޝިޔާމް ވަނީ މި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ބޮޑު ކަންނެލި މަސްވެރިން މައިގަނޑު ގޮތެއްގައި އެދެނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށެވެ.

ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިމަހުގެ 10ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ.

https://sun.mv/215123

އަދި ތަފާތު މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ވެސް ނެރެފައިވާނެ ކަމަށާއި، ފިޝަރީޒް މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން އެދިފައިވާނެ ކަމަށްވެސް އެ ޔޫނިއަނުން ބުންޏެވެ.

ނަމަވެސް މިއަދާ ހަމައަށް އެ ޔޫނިއަނުން ކުރި އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެދެވޭ އަލި މަގެއް ނުފެނި، މާޔޫސްވެފައިވާ ކަމަށް އެ ޔޫނިއަންގެ ބަޔާނުގައި ފާހަގަކުރިއެވެ.

ނަމަވެސް ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި އަދިވެސް އެއްވެސް ނަތީޖާއެއް ނުފެންނަކަމަށް ބުނެ، ވަނީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އިހުތިޖާޖުކޮށްފައެވެ. މާލެއަށް ވަންނަ ނެރު ކައިރީ މަސްވެރިން ކުރި އިހުތިޖާޖުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ހިމެނޭހެން ނުވަ މީހަކު ހައްޔަރުކުރިއެވެ.

comment ކޮމެންޓް