ރ. ދުވާފަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު އެރަށަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ އެއް ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ދުވާފަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވަން ހަަމަޖެހިފައިވާއިރު މިހާރު ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ދަނީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާ ކުރަމުންނެވެ. މި ކަންބޮޑުވުންތައް ފާޅުކުރުމަށް ބުދަ ދުވަހުގައި އިހުތިޖާޖެއް ވެސް ފަށައިފައިވެއެވެ.