އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މި ދުވަހާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެއިން ބައިވެރިވާކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުގެ އަމާޒަކީ އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދީ، އަންހެންކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން ގައުމީ ތަރައްގީގައި އެ ކަނބަލުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން އެ މަނިކުފާނުގެ ޕޯސްޓުގައި ދެއްވިއެވެ.
https://x.com/MMuizzu/status/2109112228490473611
މިފަދަ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ، އާއިލާތަކާއި މުޖުތަމައުގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭހެން މުޅި މުޖުތަމައު ގުޅިގެން ކުރާ މަސައްކަތުންކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު އަންހެން ދަރިން ބިނާކުރުމަށް ކުރާ އިންވެސްޓްމެންޓަކީ މާދަމާގެ ހަމަހަމަ، އެންމެން ބައިވެރިވާ، އަދި ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ގޮތުން އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 11ވަނަ ދުވަހެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް" އެވެ.
ރާއްޖޭގައި އެންމެ ފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީ ފަސް ލައްކައަށް އަރާއިރު، ދިވެހީންގެ އަދަދު 382،639އަށް އަރައެވެ. އޭގެ ތެރެއިން ހިމެނެނީ 188،077 އަންހެނުންނާއި 194،562 ފިރިހެނުންނެވެ.