ޝާހުގެ ފިލްމު 'ޕަތާން'ގެ ދެވަނަ ބައެއް އުފައްދަނީ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން ފިލްމު "ޕަތާން"ގެ މަންޒަރެއްގައި. އެ ފިލްމުގެ ސީކުއަލްއެއް އުފައްދާނެކަން ދާދިފަހުން އެކްޓަރު ވަނީ ބުނެފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ ކިންގް ޚާންގެ ނަމުން މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޕަތާން"ގެ ދެވަނަ ބައެއް ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.

އެ ފިލްމުގެ ދެވަނަ ބައެއް އުފައްދާނެކަން ޝާހު އިއުލާނުކުރީ ދާދި ފަހުން ދުބާއީގައި އަމިއްލަ ކުންފުންޏަކުން އެކްޓަރުގެ ނަމުގައި ބިނާކުރާ ލަގްޒަރީ ޓަވަރުތަކުގެ މަސައްކަތް ފެށުމާ ގުޅޭގޮތުން ދުބާއީގައި ބޭއްވި ޚާއްސަ ހަފުލާގައެވެ.

ފިލްމު "ޕަތާން 2" އުފައްދާނެކަން ޝާހު ކަށަވަރުކޮށްދީފައިވަނީ އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމާ ގުޅޭގޮތުން މީޑިއާތަކުން އެކި ގޮތްގޮތަށް ވާހަކަދައްކަމުން ދަނިކޮށެވެ. މި ހަފުލާގައި ފިލްމު "ޕަތާން"ގެ ސީކުއަލްއާ ބެހޭގޮތުން ޝާހު ބުނީ، ބްލޮކްބަސްޓް ކޮންމެ ފިލްމަކީ ވެސް އޭގެ ޒާތުގައި ދެވަނަ ބައެއް ވުޖޫދަށް އަންނާނެ ފިލްމެއް ކަމަށެވެ.

އެހެންވެ، "ޕަތާން"އެކޭ އެއްގޮތަށް "ޕަތާން 2" ވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށާއި އެ ފިލްމު ބަލަން ބެލުންތެރިން އިންތިޒާރުކުރުމަށް ޝާހު ވަނީ އެދިފައެވެ.

ޝާހްރުކް ޚާން ފިލްމު "ކިންގް"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މީގެ ދެ އަހަރު ކުރިން ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ޕަތާން"އަކީ ޔަޝްރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދިން ފިލްމެކެވެ.

އެ ފިލްމަކީ މިހާތަނަށް ޝާހުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ބޮކްސް އޮފީހުގައި ރިކޯޑު އާމްދަނީއެއް ހޯދި "ޕަތާން"އިން ޝާހުއާ އެކު ބަތަލާގެ ރޯލްއިން ފެނުނީ ދީޕިކާ ޕަދުކޯންއެވެ. ފިލްމުގެ މުހިއްމު ތަރިންގެ ތެރޭ ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެއެވެ.

ޝާހު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ކުރަމުން އަންނަ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމު "ކިންގް"އިންނެވެ.

ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުންޏާ ޝާހުގެ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ.

comment ކޮމެންޓް