ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރާއި މެދު އުތުރު، އިރުމަތީ، މެދުތެރެ އަދި އުވާ ޕްރޮވިންސަށް މިއަދު އެއްކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ލަފާކޮށްފިއެވެ.
އުތުރު ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް 50 މިލިމީޓަރަށްވުރެ ގިނައި ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އަދި މެންދުރު ފަހު ލަންކާގެ ހުޅަނގުގައި އޮންނަ ބައެއް ސަރަހައްދުތައް ކަމަށްވާ، ސަބަރަގަމުވާ ގައްލޭ އަދި މަތަރާއަށްވެސް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ސަބަރަގަމުވާ، މެދުތެރެ، އަދި ދެކުނު ޕްރޮވިންސްތަކަށް ހެނދުނުގެ ވަގުތެއްގައި ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވައިރު، އައްސޭރިފަށުގެ އެހެން ސަރަހައްދުތަކަށް ހަވީރު ނުވަތަ ރޭގަނޑު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
އިރުއުތުރުން ގަޑިއަކު 30 އާއި 40 މޭލަށް ވައިގަދަވާނެއެވެ. އަދި ބައެއް ހިސާބުތަކަށް ގަޑިއަކު 50 އާއި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވިއްސާރައިގައި ލަންކާއަށް ލިބުނު ގެއްލުމުން އަރައިގަންނަން 7 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވަނީ ލަފާކޮށްފައި. ފޮޓޯ/އޭޕީ
ކަނޑުގެ ސަރަހައްދުތައް ބައެއް ވަގުތުތަކުގައި ގަދަވެދާނެ ކަމަށާއި އަނެއްބައި ވަގުތުތަކުގެ އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އުތުރާއި މެދު އުތުރު އަދި އިރުމަތީގެ ބައެއްހިސާބުތަކަށް 100 މިލިމީޓަރަށްވުރެ ގިނައި ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި މެދުތެރެއާއި އުވާ ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކަށް ގާތްގަނޑަކަށް 75 މިލިމީޓަރަށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް އެންމެ ކުޑަކުރުމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމު ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.
ސްރީ ލަންކާއަށް އެރި ތޫފާން 'ދީތްވާ' ގެ ސަބަބުން ލަންކާގެ ބޮޑު ބަޔަކަށް ފެން ބޮޑުވެ، ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
ވިއްސާރައިގެ ސަބަބުން ލަންކާއިން މަރުވި މީހުންގެ އަދަދު 638 އަށް އުފުލިފައިވާއިރު، 203 މީހުން ގެއްލިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ލަންކާ 25 ޑިސްޓްރިކްޓަކަށް އަސަރުކޮށްފައިވާއިރު، 529،741 އާއިލާއަކުން ޖުމްލަ 1،824،771 މީހުންނަށް އަސަރުކޮށްފައިވެއެވެ.
އޭގެ ތެރެއިން 27،145 އާއިލާއަކުން 86،040 މީހުން މިހާރު ތިބީ 878 ރިލީފް ސެންޓަރުގައި ކަމަށް ޑީއެމްސީން ބުނެއެވެ.
ތަންތަން ހަލާކުވެ، އިގްތިސާދީ ގޮތުން ގެއްލުވެފައިވާއިރު، ލިބުނު ގެއްލުމުން އަރައިގަނެ، ލަންކާ އާރާސްތު ކުރުމަށް 7 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.