ވަގަށް ނެގި ސައިކަލަކީ، ރައްޓެއްގެ ސައިކަލު ކަމަށް ބުނި، މީހަކު ދޮޅު އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ސައިކަލު ވަގަށް ނެގުމުގެ ރެކޯޑް އޮންނަ މި މީހާއަކީ، ސ. ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއުއެވެ. ޝަފީއުގެ މައްޗަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް އައި މި މައްސަލައަކީ މި އަހަރުގެ ޖުލައި މަހު، ސައިކަލެއް ވަގަށް ނެގި މައްސަލައެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މި ކޭސް ނޫނަސް ސައިޖކަލު ވަގަށް ނެގުމުގެ ކޭސްތަކެއް ޝަފީއުގެ އެބައޮތެވެ.
ޖުލައި މަހުގެ މި ހާދިސާއާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ހާދިސާއަކީ، ބޭންކް އޮފް މޯލްޑިވްސް ބިޒްނަސް ސެންޓަރު ކައިރިން ޖުލައި މަހުގެ 23 ވަނަ ދުވަހު މެންދުރު ސައިކަލެއް ވަގަށް ނެގި މައްސަލައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ސައިކަލު ވަގަށް ނެގި މައްސަލައިގައި ޝަފީއު ކުރިން ބަންދު ވެސް ކުރިއެވެ. ބަންދު މަޖިލީހަށް އޭނާ ވަކީލަކު ބޭނުން ކަމަށް ރެކޯޑްތަކުން ދެއްކި ނަމަވެސް، ހުކުމް ކުރެވުނު މި މައްސަލައިގައި އޭނާ ވަކީލަކު ބޭނުމެއް ނުކުރެއެވެ. އަދި ކުށަށް އިއުތިރާފުވެ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ޝަފީއުގެ މައްޗަށް އިއްވީ އެއް އަހަރާއި ހަ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު ދެން ޝަފީއު ތަންފީޒުކުރަން ޖެހޭ ހުކުމަކީ އެއް އަހަރާއި ހަ މަހާއި 21 ދުވަހެވެ.