ޚިޔާނާތުގެ ދައުވާއެއް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެހެން މައްސަލައެއްގައި މާދަމާ ކޯޓަށް ހާޒިރު ކުރަން ތާވަލުކޮށްފިއެވެ.
މިދިޔަ ހަފުތާގައި ބައްސާމް ޖަލަށްލީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވީ މައްސަލަ ސާބިތުވެގެންނެވެ.
އެ މައްސަލައާއެކު ކުރިއަށްދިޔަ މަނީ ލޯންޑަރިންގެ މައްސަލައެއް ވެސް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ. މާދަމާ ބައްސާމް ހާޒިރުކުރަނީ ވެސް އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލައަކާއި، މަނީ ލޯންޑަރިންގެ މައްސަލައެއްގައެވެ.
ބައްސާމް މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރާ ގޮތަށް އޮތީ މެންދުރު އެކެއް ޖަހާއިރެވެ. މިއީ ހުކުމް ކުރި ފަހުން ބައްސާމް ކޯޓަށް ގެންނަ ފުރަތަމަ ފަހަރެވެ.
މާދަމާއަށް ތާވަލުކޮށްފައިވާ މައްސަލައަކީ، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1,200,000 ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ މައްސަލައާއި އެ މައްސަލައާއި ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެވެ. މި ދެ މައްސަލައިގެ އަޑުއެހުންތައް ވެސް މިހާރު އޮތީ ކްރިމިނަލް ކޯޓުގައި ފެށިފައެވެ.
މާދަމާ އޮންނަ ދެ މައްސަލައިގެ ތެރެއިން، ޚިޔާނާތުގެ މައްސަލަ ސާބިތުވެއްޖެނަމަ، ބައްސާމްގެ މައްޗަށް މަދުވެގެން އިތުރު އެއް އަހަރާއި ހަތް މަހުގެ ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑްރިންގެ މައްސަލަ ސާބިތުވެއްޖެނަމަ، ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް ވެސް އަންނާނެއެވެ.
ބައްސާމްއާއެކު އެފްއޭއެމްގައި އުޅުނު އެހެން ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް މާދަމާއަށް ތާވަލުކޮށްފައި އެބައޮތެވެ.