ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ސަރުކާރަށް ދޫކުރެވޭނީ ހުރި ވަރުން ކަމަށާއި، މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ ފްލެޓްތަކުގެ ހައްގުވެރިންނަށް އިންސާފުވެރިކަމާއެކު ހަވާލުކުރުމަށް ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމަށް ފުލެޓު ދޫކުރުމަށް ކުރީ ސަރުކާރުން ކަނޑައަޅައިފައި އޮތީ، 76 ޕޮއިންޓް ލިބޭ މީހުންނަށް ތިން ކޮޓަރީގެ ފުލެޓުތައް ދިނުމަށް ފަހު، 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރު ނަގައިގެން ބާކީ ހުރި ތިން ކޮޓަރީގެ ފުލެޓުތައް ދިނުމަށެވެ.
އެހެންނަމަވެސް، 76 ޕޮއިންޓް ލިބޭ 300އަށްވުރެ ގިނަ މީހުންނަށް ފުލެޓު ކަނޑަނާޅައި، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ފުލެޓު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅައިފައެވެ.
ގެދޮރުވެރިޔާ ފުލެޓުތަކާ ގުޅޭ ގޮތުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ، ސަރުކާރުން މަސައްކަތްކޮށްފައިވާނީ ކުރީ ސަރުކާރުން ނޮވެމްބަރު 15، 2023ގައިވާ ކުރި އިއުލާނުގައިވާ ގޮތަށް ފްލެޓުތައް ދޫކުރުމަށް ކަމަށެވެ. އެއާއެކުވެސް، 76 ޕޮއިންޓު ލިބި، ތިން ކޮޓަރީގެ ފުލެޓު ނުލިބޭ 330 މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، އެ އެންމެންނަށްވާ ވަރަށް ތިން ކޮޓަރީގެ ފުލެޓު ހަމަނުވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންވެ، 75 ޕޮއިންޓް ލިބުނު މީހުންގެ އަތުން ފްލެޓުތައް ކެންސަލްކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްޑީސީން އަޅާ ފުލެޓުތައް: ފްލެޓުތައް ދޫކުރެވޭނީ ހުރިވަރުން ކަމަށާއި 75 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ދެ ކޮޓަރި ދޭން ޖެހިދާނެ ކަމަށް މުއްތަލިބު ވިދާޅުވި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މުއްތަލިބު ވިދާޅުވީ، 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު މީހުންގެ މެދުގައި ގުރު ނެގުމަށްފަހު 75 ޕޮއިންޓު ލިބުނު މީހުންނަށް ކޮންމެވެސް އެއް ގޮތެއް އިޚްތިޔާރު ކުރަން ދޭނެ ކަމަށެވެ. އެގޮތުން އެއް ގޮތަކީ، ދެ ކޮޓަރީގެ ފްލެޓު ބޭނުންވަންޏާ އެއްބަސްވުން ހަދައި މިހާރު ވެސް ފްލެޓު ލިބުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ދެވަނަ ގޮތަކީ، އަސާސީ ޝަރުތު ހަމަނުވާ މީހުންނަށް ދޫކުރި ތިން ކޮޓަރީގެ ފްލެޓުތައް ކެންސަލްވަންދެން މަޑުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް 75 ޕޮއިންޓު ލިބުނު ބައެއް މީހުންނަށް ދެ ކޮޓަރީގެ ފްލެޓު ދޭން ޖެހިދާނެކަން ވެސް މުއްތަލިބު ފާހަގަކުރެއްވިއެވެ.
އެގޮތުން 73 އަށް ވުރެ މަތިން ޕޮއިންޓު ލިބި، ފްލެޓު ލިސްޓުގައި މިހާރު ތިބި 1،218 މީހުންގެ ތެރެއިން އެލޮކޭޝަން ހަދާފައިވާ 1،160 މީހުންނާއި އެލޮކޭޝަން ނަހަދާ 58 މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރެއިން އަސާސީ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން ކެންސަލްވާ މީހުންގެ ފްލެޓުތަކާއި، އެ މީހުންގެ ތެރޭ ހިމެނޭ 100 ދެމަފިރިއަކަށް ދޭ ފްލެޓްތަކުގެ ތެރެއިން ބާކީވާ ފްލެޓުތައް، 75 ޕޮއިންޓް ލިބިފައިވާ މީހުންނަށް ދެވޭނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަތުގައި ހުރި އަދަދަކުން އަޅުގަނޑުމެންނަށް ފްލެޓު ދެވޭނީ، އަޅުގަނޑުމެންނަށް އިތުރު ފްލެޓެއް ތަނަކުން ހޯދާފައި ނުއެއް ދެވޭނެ، އެހެންވީމާ ހުރި ފްލެޓްތަކުގެ އަދަދުން އެންމެ އިންސާފުވެރިކަމާއެކު އެކަން ކުރެވޭނެ ގޮތެއް އޮތްތޯ މި ބަލަނީ،" އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވިގޮތުގައި، ކުރީ ސަރުކާރުން ނޮވެމްބަރު 15ވަނަ ދުވަހު ނެރުނު ލިސްޓަށް މި ސަރުކާރުން އެއްވެސް މީހަކު އިތުރުކޮށްފައިނުވާނެއެވެ. ނަމަވެސް، މާލޭގައި 15 އަހަރު މެދުނުކެނޑި އުޅެފައިވުމާއި އަމިއްލަ ނަމުގައި ބިމެއް ނުވަތަ ގޯއްޗެއް ނެތުން ފަދަ އަސާސީ ޝަރުތު ފުރިހަމަނުވާ މީހުން ލިސްޓުން އުނިކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް މީހުންނަށް 250،000 ރުފިޔާއަށް ފްލެޓު ވިއްކަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަށް އިޝާރާތްކޮށް މުއްތަލިބު ވަނީ، ފްލެޓު ލިސްޓުގައި ހިމަނާނެ ކަމަށް ބުނެ އެއްވެސް ހާލެއްގައި ފައިސާ ނަގައިގެން ހިންގާ ސްކޭމްތަކުގައި ނުޖެހުމަށް އެދިވަޑައިގެންފައެވެ. އެފަދަ ސްކޭމްތަކުގައި ޖެހުމުން މިނިސްޓްރީއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
"ފްލެޓު ލިސްޓުގައި ނުހިމެނޭ ފަރާތެއް ކިތަންމެ ބައިވަރު ފައިސާއެއް ދިނަކަސް ލިސްޓަށް އެރުމުގެ ފުރުސަތެއް ނެތް، އެހެންވީމާ އެކަން ނުކުރައްވާ،" އޭނާ ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ފުލެޓުތަކުގެ ތެރެއިން، 76 ޕޮއިންޓު ލިބުނު އެންމެންނަށް ފުލެޓު ކަނޑަނާޅަނީސް 75 ޕޮއިންޓް ލިބުނު މީހުންނަށް ފުލެޓު ދިނުމާ ގުޅޭ ގޮތުން، ކުރީގެ ސަރުކާރުގައި ފުލެޓާއި ގޯތި ދޫކުރުމުގައި އިސްކޮށް ހުންނެވި، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ސަރުކާރުގެ ތުހުމަތަށް ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ 76 މާކްސް ލިބުނު މީހުންގެ ތެރެއިން ގުރު ނަގައިފައި ނުވަނީ ދެ ފުލެޓަށް ޝަރުތު ހަމަވި ދެމަފިރިންގެ އެކަނި ކަމަށެވެ. އެގޮތަށް ދިމާވި މީހުންނަށް، ކޮންމެ ދެމަފިރިއަކަށް އެއް ފުލެޓް ރިޒާވްކޮށްފައި ހުންނާނެ ކަމަށާއި، މިނިސްޓްރީން މައުލޫމާތު އޮޅުވާލަނީ ކަމަށް އަކްރަމް ތުހުމަތުކުރައްވައިފައިވެއެވެ.