ރަސްމާލެއާއި މާލެއާ ދެމެދު ދަތުރު ކުރާނެ ނިޒާމު ހިމެނޭ ގޮތަށް، މާސްޓާޕްލޭނެއް ހަދަން ލަފާ ހޯދަނީ

ރަސްމާލެ ތަރައްގީކުރަން ފުށިދިއްގަރު ފަޅު ހިއްކަން ފެށުން: ރަސްމާލެއާއި މާލެއާ ދެމެދު ދަތުރު ކުރާނެ ނިޒާމު ހިމެނޭ ގޮތަށް، މާސްޓާޕްލޭނެއް ހަދަން ފަންނީ ލަފާ ހޯދަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރަސްމާލެއާއި މާލެ ގުޅުވާލާނީ ކަނޑުއަޑީގެ ޓަނަލަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، ދެ ރަށުގެ މެދުގައި ގާއިމުކުރާނެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭ ގޮތުން ލަފާ ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ރަސްމާލޭގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ޕްރިޕަރޭޝާން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓެންސީ ޚިދުމަތް ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. އަދި އެ މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އިއުލާނުގައި ވަނީ، މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅަން އެދިފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ފަންނީ ގާބިލު ކަމާއި، މަސައްކަތާ ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި މަސައްކަތްތަކުގެ އަގު އެނގޭނޭހެން ލިޔެކިޔުން ހިމެނުމަށް އެދިފައިވެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރަނީ: މެދުކެނޑުމަކަށް ފަހު އެ ތަން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ފޮޓޯ/ އެޗްޑީސީ

ހަމައެއާއެކު، ކުންފުނީގެ މުވައްޒަފުންގެ އެފަދަ މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަމާއި ކުންފުނީގެ އެފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން ލިޔެކިޔުން ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) މެތަޑްއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެފައެވެ.

އެ އިއުލާނުގައި ވަނީ، މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އެ މިނިސްޓްރީގެ ވެބްސައިޓުން މާދަމާއިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ބުނެފައެވެ. އަދި އެ މަސައްކަތާ ގުޅޭ ގޮތުން ދޫކުރާ، އެހެނިހެން އެންމެފަހުގެ މަޢުލޫމާތުތަށް ވެސް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ކުންފުނީގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން މުއްދަތު ދީފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ 14:00އާ ހަމައަށެވެ. އީއޯއައި ހުށަހަޅާނީ ފިނޭންސް މިނިސްޓްރީގެ ޓެންޑާ ޑިޕާޓްމެންޓަށް ކަމަށް އިއުލާނުގައިވެއެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއުގެ ގޮތުގައި "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިފުތިތާހުކޮށްދެއްވީ ޑިސެންބަރު 18، 2023ގައެވެ.

އެންމެ ފުރަތަމަ ރައީސް އިއުލާންކުރެއްވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަށް މަހުން ނިންމާނެ ކަމަށެވެ. ނަމަވެސް އެ މަަސައްކަތް ލަސްވަމުން ގޮސް، ސަރުކާރަށް ދެ އަހަރަށްވުރެ އިތުރުވީއިރު ވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަސްމާލެ ހިއްކަން މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފައިވާއިރު، ރައީސްވަނީ ރަސްމާލެ ހިއްކުން އަންނަ އަހަރު މާޗު ނުވަތަ އޭޕްރީލް މަހު ނިމޭނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/187737

ރަސްމާލެއާއި މާލެ ގުޅުވާލާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލަކުން ކަމަށް ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22ގައެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހު އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެފަދަ ޓަނަލެއް އެޅުމުގެ ޓެކްނޮލޮޖީއެއް ދުނިޔޭގައި މި ވަގުތު ފެންނަން ނެތް ކަމަށެވެ.

"މި ވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި އޯޕަން ސީގައި ހަދައިފައި ހުރި ކަހަލަ އިންފްރާސްޓްރަކްޗާއެއްގެ ވާހަކައެއްނޫން މި ދައްކަނީ،" މުއްތަލިބު އޭރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް، ރައީސް އެ ތަސައްވުރު ދެކެވަޑައިގަތީމާ ދެން އޮންނާނީ އެ ކަމަށް މަސައްކަތްކުރުން ކަމަށެވެ. އެކަން ކުރެވޭނެކަމަށް ބާރުދެއްވައި މުއްތަލިބު ވިދާޅުވީ އެމެރިކާއިން ހަނދަން ދާން، ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ތަސައްވުރު ދެކެވަޑައިގަތީ ކުރިން ބަޔަކު ހަނދަށް ގޮސްގެން ނޫންކަމަށެވެ.

https://sun.mv/198462

އެހެންވެ، ކަނޑުއަޑީގެ ޓަނަލް އަޅަން ބޭނުންވާ މަސައްކަތް ކުރާނެކަމަށާއި އެ ކަމަށް ވަގުތު ވެސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި އެ ކަމަށް މާލީ ގޮތުންނާއި ޓެކްނިކަލް ގޮތުން ފީޒިބަލް ވާނެ ގޮތްތައް ވެސް ބަލަން ޖެހޭނެކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން 64 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް އަންނަ އަހަރަށް ފާސްކޮށްފައިވާއިރު، އެ ބަޖެޓުގައި ބްރިޖާއި ޓަނަލް އަޅަން 799 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. ނަމަވެސް އެ މަސައްކަތާ ގުޅޭ އިތުރު ތަފުސީލެއް ދީފައިނުވެއެވެ.

comment ކޮމެންޓް