އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅެންޖެހޭ މެޗުގެ ކުރިން ތަޖިކިސްތާނުގެ ފުރަތަމަ ފަރިތަކުރުން މިއަދު މާލޭގައި ބާއްވައިފިއެވެ.
ކޮލިފައިންގެ ދެވަނަ ލެގުގައި ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ ލެގު ކާމިޔާބުކޮށްފައިވަނީ ތަޖިކިސްތާނުންނެވެ. ތަޖިކިސްތާނުގެ ހިސާރު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ލެގުގެ ކުރިން ބޭއްވި ފުރަތަމަ ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ މާފަންނު ޓާފް ދަނޑުގައެވެ. މި މެޗަށް ޖުމުލަ 23 ކުޅުންތެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ، ތިން ފޯވާޑުންނާއި ތިން ގޯލްކީޕަރުންގެ އިތުރުން ނުވަ ޑިފެންޑަރުންނާއި އަށް މިޑްފީލްޑަރުންނެވެ.

ރާއްޖޭގައި ތަޖިކިސްތާނު ޓީމު ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: ތަޖިކިސްތާނު ފުޓްބޯލް
މެޗާ ކުރިމަތިލާއިރު ރާޢްޖެ އޮތީ ގްރޫޕުގެ ފުލުގައެވެ. އެއީ، ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. ތަޖިކިސްތާނަކީ ގްރޫޕުގެ އެއްވަނައިގައި އޮތް ޓީމެވެ. އެ ޓީމު އެއްވަނައިގައި އޮތީ ޖުމުލަ ހަތް ޕޮއިންޓާ އެކެވެ.
ތަޖިކިސްތާނާއި ރާއްޖޭގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ ޓިމޯ ލެސްޓޭއާއި ފިލިޕީންސެވެ.
މެޗުގެ ކުރިން ގައުމީ ފޯރި ވަރުގަދަކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން، އިއްޔެ ހަވީރު ވަނީ މާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. ބޮޑުބެރާއި ރޮބޯ މޭންގެ ހަރަކާތްތަކާ އެކު ބޭއްވި މި ކުޑަކުދިންގެ ހަވީރަށް އާންމުންގެ އިތުރުން ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ފޯރި ވަރުގަދަކުރުމުގެ ގޮތުން ގައުމީ ފުޓުބޯޅަ ޓީމާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް އެފްއޭއެމުގެ އައު އެކްސްކޯއިން ވަނީ ރާވާފައެވެ.