ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީކޮށް ބަލަހައްޓާ ސޯޝަލް ހައުސިން ފުލެޓުތައް ކުއްޔަށް ދޫކުރާ ފަރާތްތައް ވެސް ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން މިއަދު އިއުލާންކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ފާހަގަކޮށްފައެވެ.
އެހެންވެ، މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންވެ، އެއްބަވުސްމާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޭނަމަ އެއްބަސްވުމުގައި ވާގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބަލަހައްޓާ ފްލެޓްތަކުގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ސޯޝަލް ހައުސިންތަކާއި ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ވެސް ހިމެނެއެވެ.
އެހެންކަމުން، ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެއެވެ. އަދި، އެއްބަސްވުމާ ޚިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އަންގައި އިއުލާނުކޮށްފައިވެއެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.
އެޗްޑީސީން މިފަދައިން އިއުލާންކޮށްފައިވާއިރު މި އަހަރު ތެރޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ދޫކުރި ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރަން މަސައްކަތްކުރާކަމުގެ ވާހަކަތައް އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވެއެވެ. އެފްޑީސީން ވެސް ވަނީ މިކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އިއުލާނުކުރިއިރު އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ވެސް އެއްކޮށް އަދި ނުނިމެއެވެ. ބޮޑު އަގުގައި ސޯޝަލް ހައުސިންތައް ކުއްޔަށް ދޫކުރާ މައްސަަލަ ދޭތެރެއަކުން ފެންމަތިވެއެވެ.