އެޗްޑީސީން ސެކއިުރިޓީ ބަލަހައްޓަން، އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ތައާރަފްކޮށްފި

އެޗްޑީސީން ސެކއިުރިޓީ ބަލަހައްޓަން، އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ތައާރަފްކުރުމުގެ ތެރެއިން --- ފޮޓޯ: އެޗްޑީސީ

އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށް ޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައެވެ.

ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް އިފްތިތާހުކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަދި ކުރިން ސިފައިން ގޭގައި ޚިދުމަތްކުރެއްވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްގެ ޔުނީފޯމާއި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.

އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ސެކއިުރިޓީ ބަލަހައްޓަން، އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ތައާރަފްކުރުމުގެ ތެރެއިން --- ފޮޓޯ: އެޗްޑީސީ

"މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފްކުރުމުގެ ސަބަބުން ސެކިއުރިޓީ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ މި ޕްރޮގްރާމްގެ ދަށުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ދޭނެ ކަމަށެވެ.

މީގެ އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ސާވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެކަމަށް ބުންޏެވެ. އަދި މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް