އެޕަލްއިން 'ކްލިޕްސް' އެޕަށް ދެމުންދިޔަ އެހީތެރިކަން ހުއްޓާލައިފި

ކްލިޕްއެޕް މަޝްހޫރުވެފައިވަނީ ކުރުވީޑިއޯތައް އެޑިޓްކުރުމަށް ފަސޭހަ ސާދާ އެޕެއްގެ ގޮތުގައި ---

މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން، ފޮޓޯއާއި ވީޑިއޯ އެޑިޓްކުރުމަށް ބޭނުންކުރާ ކްލިޕްސް އެޕްއަށް ދެމުންދިޔަ އެހީތެރިކަން ހުއްޓާލައި، އެޕް ސްޓޯރުން އެ އެޕް ނަގައިފިއެވެ.

މިއާއެކު މިހާރުން ފެށިގެން ކްލިޕްސް އެޕަށް އިތުރު އަޕްޑޭޓްތަކެއް ނުދޭނެ ކަމަށް އެޕަލް އިން ވަނީ އިއުލާނުކޮށްފައެވެ.

އެޕަލްގެ ވެބްސައިޓްގައިވާ ސަޕޯޓް ޕޭޖެއްގައިވާ ގޮތުން، އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ކްލިޕްސް އަކީ ޔޫޒަރުންނަށް ދެން ޑައުންލޯޑްކުރެވޭނެ އެޕެއް ނޫނެވެ. ނަމަވެސް، މިހާރު ވެސް މި އެޕް ބޭނުންކުރާ ފަރާތްތަކަށް، އައިއޯއެސް އަދި އައިޕެޑްއޯއެސްގެ މިހާރުގެ ނުވަތަ ކުރީގެ ވާޝަންތަކުގައި އެޕް ބޭނުންކުރަމުން ގެންދެވޭނެއެވެ. މީގެ އިތުރުން، ބޭނުންވެއްޖެނަމަ، މިހާރު ބޭނުންކުރާ ފަރާތްތަކަށް އެޕަލް އެކައުންޓް މެދުވެރިކޮށް އަލުން އެޕް ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

އަޕްޑޭޓްތަކެއް ނުލިބި ދުވަސްތަކެއް ވުމުން، ވަގުތު ފާއިތުވަމުންދާ ވަރަކަށް ކްލިޕްސް ބޭނުންކުރުން އުނދަގޫވެދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން އެޕަލް އިން ވަނީ ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ކްލިޕްސް ވީޑިއޯތައް (އެފެކްޓްތަކާއެކު ނުވަތަ އެފެކްޓް ނެތި) ފޮޓޯ ލައިބްރަރީއަށް ޑައުންލޯޑްކުރުމަށް ބާރުއަޅާފައެވެ. މިގޮތަށް ކްލިޕްސް ވީޑިއޯތައް ޑައުންލޯޑްކުރުމުން، އެހެނިހެން އެޕްތައް ބޭނުންކޮށްގެން ވީޑިއޯތައް ބެލުމާއި އެޑިޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

2017 ވަނަ އަހަރު ތައާރަފްކުރެވުނު ކްލިޕްސް އެޕް އަކީ ސްނެޕްޗެޓް އަދި އިންސްޓަގްރާމް ސްޓޯރީސް އަށް އެޕަލްގެ ޖަވާބެއްގެ ގޮތުގައި ފެނިގެންދިޔަ އެޕެކެވެ. މިއީ ސޯޝަލް ނެޓްވޯކެއް ނޫން ނަމަވެސް، ފިލްޓަރުތަކާއި، އިމޯޖީއާއި، މިއުޒިކް ބޭނުންކޮށްގެން ފޮޓޯތަކާއި ވީޑިއޯތައް ގުޅުވައިގެން މީހުންނަށް އުފެއްދުންތެރި ވީޑިއޯތައް ހަދަން މި އެޕް އިން ފުރުސަތު ދިނެވެ.

މިއެޕް ބޭނުންކުރާ ޔޫޒަރުން ކްލިޕްސްގެ ވީޑިއޯ އެޑިޓްކުރުމުގެ ގާބިލިއްޔަތު ސިފަކޮށްފައިވަނީ 'ވަރަށް ސާދާ' އެޕެއްގެ ގޮތުގައެވެ.

މެކްރޫމާސް އިން ރިޕޯޓްކުރާ ގޮތުގައި، ކްލިޕްސް ތައާރަފްކުރި ފަހުން އެޕަލް އިން އެޕްއަށް އާ ފީޗާސްތަކެއް އިތުރުކުރި ނަމަވެސް، ފަހުގެ އަޕްޑޭޓްތައް ނެރެފައިހުރީ ހަމައެކަނި ބަގް ހައްލުކުރުމަށް ކަމަށް އެ ރިޕޯޓްގައިވެއެވެ. މިކަމަށް ބަލާއިރު، ކްލިޕްސް އަކީ އެޕަލް އިން މާ ބޮޑު ސަމާލުކަމެއް ދީފައިވާ އެޕެއް ނޫންކަން ފާހަގަވެއެވެ.

comment ކޮމެންޓް