ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިން ފްލެޓުތައް ގަވައިދާ ޚިލާފަށް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވުމުން، އެފަދަ ފުލެޓުތައް ހޯދައި އަތުލުމަށް، ފުލެޓުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މުއްތަލިބު އެފަދައިން ވިދާޅުވީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅައިފައިވާ 4،000 ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމާއެކު، އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރި މައްސަލަތަކެއް ފެންމަތިވި ފަހުންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަވާލުވެފައިވާ އެ ފުލެޓުތަކުގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތައް ވެސް، އެ ފުލެޓުތަކުގެ ވެރިންގެ އަތުން ނަގާ ކުއްޔަށް ވުރެ މާ ބޮޑު އަގުތަކުގައި އެހެން މީހުންނަށް ކުއްޔަށް ދިނުމަކީ އާންމު ކަމެކެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ.
އެހެންވެ، އެ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެ ތަންތަނުގެ ވެރިފަރާތް ފިޔަވާ އެހެން ބަޔަކު ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއްނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެ ތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެ ތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ." އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، ހައުސިން މިނިސްޓްރީން އަންނަނީ، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާ ވެސް އަވަހަކަށް ފެށުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓަކުން ފެންނަ ގޮތުގައި، އެފްޑީސީން ކުއްޔަށް 10،500 ރުފިޔާ ނަގާ ތިން ކޮޓަރީގެ އެޕާޓްމަންޓެއް އެހެން ބަޔަކަށް ކުއްޔަށް ދިނުމަށް އިޝްތިހާރުކުރަނީ 25،000 ރުފިޔާގެ ކުއްޔަކަށެވެ.
ގެދޮރުވެރިޔާ ފުލެޓުތަކަށް ތަޅުދަނޑި ދޫކުރަން ފެށީ މިދިޔަ މަހުގެ 28ގައެވެ.
އެފްޑީސީއިން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މިމަހު ފަހެއްގައި ދިން މައުލޫމާތުގައި ބުނީ، އެހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ 62 މީހަކަށް ކަމަށެވެ.