ގެދުވެރިޔާ ސްކީމުގެ ދަށުން 4،000 ލިބޭ މީހުންނަށް ފުލެޓު ދީ ނުނިމި އުޅެނިކޮށް ބޮޑު އަގުގައި ކުއްޔަށް ދޫކުރަން އިޝްތިހާރުކުރަން ފަށާފައިވާއިރު، އެ ފުލެޓުތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދޭ މީހުންގެ ފުލެޓު އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
އެފްޑީސީން އެ ފުލެޓުތަކުގެ ތަޅުދަނޑިތައް ވެރިފަރާތާ ހަވާލުކުރަން ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި، އަދި ބައެއް ޕްލެޓްފޯމްތަކުގައި މި ތަންތަން ކުއްޔަން ދޭން ވަނީ އިއުލާނު ޖަހައިފައެވެ. އެގޮތުން އެފްޑީސީން 10،500 ރުފިޔާއަށް ކުއްޔަށް ދޭ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔާ ދޫކުރާ ކަމަށް ބުނެ އިޝްތިހާރެއް ޖަހައިފައިވެއެވެ.
އެކަމާ ގުޅިގެން ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ 4،000 ފުލެޓަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް އިސްކަންދީގެން ދޫކުރާ ފުލެޓުތަކެއް ކަމަށެވެ.

އެފްޑީސީގެ ފުލެޓުތައް ވެރިފަރާތާ ހަވާލުކުރަން ފެށުން: އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ މީހުންގެ ފުލެޓު އަތުލާނެ ކަމަށް ހަމްދާން ވަނީ ވިދާޅުވެފައި ---- ފޮޓޯ/ އެފްޑީސީ
އެގޮތުން، އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭނަމަ އެ މީހުން ހޯދައި، އެ މީހުންނާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ފަހުގައި ފުލެޓު އަތުލާނެކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.
ހަމްދާން އެހެން ވިދާޅުވިއިރު، ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓެއް ވެސް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ. އެއީ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލެވޭ ކަމެކެވެ.
ނަމަވެސް، ފްލެޓް ދޫކުރުމަށްފަހު އެ ތަނެއްގައި ވެރިން އުޅޭތޯ އެއްވެސް މިންވަރަކަށް ނުބަލާތީ ގިނަ ފަހަރު ކުއްޔަށް ދިނަސް އެ ކަން އިދާރާތަކަށް ފާހަގަނުވެއެވެ.
އެފްޑީސީއިން ދައުލަތުގެ މީޑިއާ ޕީއެސްއެމަށް މިމަހު ފަހެއްގައި ދިން މައުލޫމާތުގައި ބުނީ، 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށާއި އެންމެ ފުރަތަމަ ހަވާލުކުރަމުން އަންނަނީ އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ފުލެޓުތައް ކަމަށެވެ.
އަސާސީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ހިންގާ މިފަދަ މަޝްރޫއުތަކުން، ފްލެޓް ހޯދަން މަސައްކަތްކުރާއިރު، އެންމެ ހައްގު މީހުންނަށް ނުލިބިދާނެ ކަމަށް އެތައް ކަންބޮޑުވުމަކާއި ޝަކުވާއެއް ގިނަ ބަޔަކު ކުރެއެވެ. ނަމަވެސް ފްލެޓް ހޯދުމަށްފަހު އެ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މާލޭ ސަރަހައްދުގައި ވަރަށް އާންމުވެފައި އޮތް މައްސަލައެކެެވެ.
ގެދޮރުވެރިޔާ ފުލެޓުތައް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 ފުލެޓު ވިއްކާލެވެން އޮތް ކަމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ފުލެޓު ގަންނާނެ މީހުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައެވެ. އެކަން ކުރުމަށްޓަކައި އެ މިނިސްޓްރީގެ ޕޯޓަލްގެ އެކްސެސް ރައީސް އޮފީހުގެ ދެ މުވައްޒަފަކަށް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެހެންނަމަވެސް ހައުސިން މިނިސްޓްރީން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.