މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓު ދޫކުރާ ދެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު، އަންނަ މަހުގެ އެކަކަށް ފަސްކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "ގޯތިގެދޮރު" ޕްރޮގްރާމްގެ "ބިންވެރިޔާ" ޚާއްސަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެކަކަށް ފަސްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ދަށުން ފުލެޓަށް އެދި ފޯމު ހުށަހެޅުން ވެސް ވަނީ ފަސްކޮށްފައެވެ.
އެގޮތުން "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "ގޯތިގެދޮރު" ޕްރޮގްރާމްގެ "ބިންވެރިޔާ"ގެ ދަށުން ފޯމު ހުށަހެޅުން ފަސްކޮށްފައިވާ ދެ ކެޓަގަރީއަކީ:
- ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައި، ގޯތި ލިބިފައިވާ ފަރާތްތައް.
- ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތައް.
މި ދެ ކެޓަގަރީން ފޯމު ހުށަހެޅުމަށް ހުޅުވަލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 11:00އިން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނާއެކު މިނިސްޓްރީން އެކުލަވައިލި އުސޫލުގައިވާ ގޮތުން "ބިންވެރިޔާ" ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިގެން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ފޯމުގައި ގުޅިފައިވާ ހުރިހާ އެންމެން އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް އޮތީ ހިމަނައިފައެވެ. އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެއެވެ. މި އުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމާލެއިންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޫކުރާ ފުލެޓަށް ފޯމުލާއިރު، ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން، ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. މި ކެޓަގަރީއަށް ކުރިމަތިލެވޭނީ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތް، އަދި މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުންނަށެވެ.