އައްޑޫ ސިޓީ، ހުޅުދޫގައި ގިނަ ބަޔަކު ޒިޔާރަތް ކުރާ "ޑަކްޕާކު"ގައި އުޅޭ އަސްދޫނިތައް މަރުވުމާ ގުޅިގެން، އެއީ ބަޔަކު ދިން ގެއްލުމެއް ކަމަށް ތުހުމަތުކޮށްފިއެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުދޫގައި ހުޅުވި ޑަކް ޕާކަކީ އަސްދޫންޏާއި ކޮތަރު ކޮށްޓާއެކު ހަދައިފައިވާ ސަރަހައްދެކެވެ. އެ ޕާކުގައި އޮންނަ ފެންގަނޑުގައި ގިނަ އަދަދެއްގެ މަސް އުޅޭއިރު، އެއީ ރަށުގެ މީހުންނާއި ފަތުރުވެރިން ވެސް އާންމުކޮށް ގޮސް އުޅޭ ޕާކެކެވެ.
ސޯޝަލް މީޑިއާގައި މިއަދު މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އަސްދޫނިތަކާއި މަސްތައް މަރުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށް، ބަޔަކު ވިހައެއް އަޅައި ދިރުން މަރާލީ ކަމަށް ތުހުމަތުކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން، ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސައިން ފައިޒުއްރަހުމާން "ސަން"އަށް ވިދާޅުވީ، ޑަކް ޕާކުގެ އަސްދޫންޏާއި މަސްތައް މަރުވާން ފެށިކަން ފާހަގަވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އޭރު އަސްދޫނިތަކެއް މަރުވެފައި އޮއްވައި ފެނުނު ފަހުން، މަސްތައް ވެސް މަރުވާން ފެށުމުން އެކަމުގައި ގޯހެއް އުޅޭކަން އެނގުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުދޫ ޑަކްޕާކުގައި އުޅޭ ދޫނިތަކެއް މަރުވެފައި --- ފޮޓޯ/ ޖަމްބެ ސަންރައިސް، ފޭސްބުކް
މިހާތަނަށް ކައުންސިލުން ބެލިބެލުމުގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަ ނުކުރެވުނު ނަމަވެސް، ލަފާކުރެވޭ ގޮތުގައި ދިރުންތައް މަރުވާން ފެށީ ބަޔަކު އެ ޕާކަށް އެޅި އެއްޗެއްގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ފައިޒު ވިދާޅުވި ގޮތުގައި އެ ތަނުގައި ގެންގުޅުނު އަށް އަސްދޫނީގެ ތެރެއިން ހަތް އަސްދޫންޏެއް މިހާތަނަށް ވަނީ މަރުވެފައެވެ. އަދި، މަރުނުވެ އޮތް އަސްދޫނީގެ ހާލަތު ވެސް އެހާ ރަނގަޅު ނޫން ކަމަށާއި ގިނަ އަދަދެއްގެ މަސްތައް ވެސް މަރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑަކްޕާކުގައި އަސްދޫންޏެއް މަރުވެފައި: ހުޅުދޫ ދާއިރާގެ ކައުންސިލަރު ތުހުމަތުކުރެއްވި ގޮތުގައި އެ ދޫނިތައް މަރުވަނީ ޕާކަށް އެއްޗެއް އަޅައިގެން ކަމަށް --- ފޮޓޯ/ ޖަމްބެ ސަންރައިސް، ފޭސްބުކް
"މި ވަގުތަށް އަޅުގަނޑުމެން މި ބަލަނީ ސަބަބު ދެނެގަނެވޭތޯ. އެކަމުގައި އަޅުގަނޑުމެން ވާނެ ފުލުހަށް ވެސް މައްސަލަ ޖައްސާފަ. ތަހުލީލުތަކެއް ނުކޮށް، އަޅުގަނޑުމެންނަކަށް އަމިއްލައަކަށް ގޮސް ކޮންޓެސްޓެއް ނުއެއް ކުރެވޭނެތާ. ކުރީ ކޮން ބައެއްކަން އެނގުމަށް ވުރެ ސަބަބު އެނގިގެންތާ ފިޔަވަޅެއް އެޅޭނީ،" އޭނާ ވިދާޅުވިއެވެ.
ފައިޒު ވިދާޅުވީ، އެ ޕާކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި، އެއީ ގުދުރަތީ ސަރަހައްދެއްގައި އޮތް ޕާކަކަށްވާތީ މިހާރު އެ ތަން ދިއްލަނީ ވެސް ވަކި ވަގުތުތަކެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.