އަފްޣާނިސްތާނުގެ ސަރުކާރުގެ ހުރިހާ މުވައްޒަފުންނާއި އޮފިޝަލުން ސްމާޓް ފޯނު ބޭނުންކުރުން ތާލިބާނުން މަނާކޮށްފިއެވެ.
ތާލިބާނުންގެ އަސްކަރީ ކޯޓުތަކުން ނެރުނު އަމުރެއްގައިވާ ގޮތުން، މި ހަފުތާއިން ފެށިގެން ސަރުކާރުގެ އިސް އޮފިޝަލުންނާއި އާދައިގެ މުވައްޒަފުންނަށް ވެސް ސްމާޓްފޯނު ބޭނުންކުރުން މަނާވާނެއެވެ.
މި އަމުރާ ޚިލާފުވާ މީހުންގެ ފޯނު ހަލާކުކޮށްލުމުގެ އިތުރުން، އެ މީހަކަށް އަދަބު ދެވޭނެ ކަމަށް އިންޒާރުދީފައިވެއެވެ. މިކަމުން އިސްތިސްނާވެވޭނީ ހަމައެކަނި ތާލިބާނުންގެ އެންމެ އިސް ލީޑަރު ހިބަތުﷲ އަޚުންދްޒާދާގެ ޚާއްސަ ހުއްދައެއް ލިޔުމުން ލިބިގެންނެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ތާލިބާނުންގެ އޮފިޝަލުން ދަނީ މި އަމުރު ތަންފީޒުކުރުމުގެ ގޮތުން މީހުންގެ ސްމާޓްފޯނުތައް އަތުލައި ހަލާކުކުރަމުންނެވެ.
އަފްޣާނިސްތާނުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މުޅި ގައުމުގައި އާންމު ރައްޔިތުންނަށް ވެސް ސްމާޓްފޯނު މަނާކުރުމުގެ ފެށުމެއް ކަމަށް ބެލެވެއެވެ. ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް އަންހެނުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން އަދި ދަރިވަރުންނަށް ވެސް މި މަނާކުރުން ތަންފީޒުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިޔަވަޅު އެޅުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ސަރުކާރުގެ ސިއްރު މައުލޫމާތުތައް ލީކުވުން ހުއްޓުވުމާއި، މުވައްޒަފުންގެ މަސައްކަތުގެ ވަގުތު ބޭކާރުވިޔަ ނުދިނުމެވެ. މީގެ އިތުރުން، ހިޖާބުގެ މައްސަލައިގައި ހިރާތު ސިޓީގައި ދާދިފަހުން ކުރިއަށްދިޔަ މުޒާހަރާތަކުގެ މަންޒަރުތައް ސްމާޓް ފޯނު މެދުވެރިކޮށް އާންމުވުމަކީ ވެސް މި ނިންމުން އަވަސްކުރަން މެދުވެރިވި ސަބަބެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ހިރާތު ޕްރޮވިންސްގައި މަސައްކަތްކުރާ ސަރުކާރުގެ ދެ މުވައްޒަފަކު ބުނި ގޮތުގައި، އޮފީހަށް ފޯނު ގެންދިއުން މަނާކޮށްފައިވާތާ މިހާރު ދެ މަހެއްހާ ދުވަސް ވެއްޖެއެވެ. އަދި އެ އެންގުމާ ޚިލާފުވި ބައެއް މުވައްޒަފުންގެ ފޯނުތައް އަތުލައި ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ.