ހީލަތުގެ ތުހުމަތުގައި ޝިލްޕާ ދަތުރުކުރުން މަނާ، ރާއްޖެއާއި ދެ ގައުމަކަށް ދާން ހުއްދައަށް އެދެފި

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީއާއި ފިރިމީހާ ރާޖް ކުންދުރާއާ ގުޅުންހުރި މައްސަލައެއް މުމްބާއީ ހައިކޯޓުގައި ކުރިއަށްދާތީ އިންޑިއާއިން ބޭރަށް ދަތުރުކުރުން އެ ދެމަފިރިންނަށް މަނާކޮށްފިއެވެ.

ޝިލްޕާއާއި ފިރިމީހާ ރާޖާ ދެކޮޅަށް މުމްބާއީ ހައި ކޯޓުގައި ކުރިއަށްދަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ކުރިއަށްދާ މައްސަލައެކެވެ.

މި މައްސަލައިގައި ޝިލްޕާގެ ދެމަފިރިންގެ ފަރާތުން ހައި ކޯޓުގައި ވަކާލާތު ކުރައްވާ އިސް ވަކީލު ކެރަލް މެހެތާ ކޯޓުގައި ވިދާޅުވެފައިވަނީ ޗުއްޓީ ހޭދަކުރުމަށްޓަކައި ކުރިން ޕްލޭންކުރި ހުރިހާ ދަތުރުތައް ވެސް ޝިލްޕާގެ ދެމަފިރިން ކެންސަލްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ރަސްމީ މަސައްކަތްތަކާ ގުޅުންހުރި ބައެއް ދަތުރުތައް އެބަހުރި ކަމަށެވެ.

ޝިލްޕާގެ ދެމަފިރިން ރާއްޖޭގައި--ފޮޓޯ/އެންޑީޓީވީ

އޭގެ ތެރޭގައި މި މަހުގެ 21އިން ފެށިގެން 29ގެ ނިޔަލަށް އިންޑިއާއިން ބޭރު ޤައުމުތަކުގައި ބާއްވާ ބައެއް ހަފުލާތަކަށް ޝިލްޕާގެ ދެމަފިރިން ކޮންމެހެން ވެސް ދަތުރުކުރަން ޖެހޭއިރު އެމެރިކާގެ ލޮސް އެންޖެލިސް އަދި ސްރީލަންކާއަށް ކުރާ ދަތުރަށް ފަހު ރާއްޖެއަށް ވެސް އައުމަށް ބަތަލާގެ ޓީމުން ނިންމާފައިވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ. އެހެންވެ، އެ ދަތުރުތައް ކުރުމުގެ ހުއްދަ ދިނުމަށް ވެސް ވަކީލު ވަނީ ކޯޓުގައި އެދިފައެވެ.

އެކަމާ ގުޅިގެން ހައި ކޯޓުން ވަނީ ޝިލްޕާގެ ރަސްމީ ދަތުރުތަކާ ގުޅޭ ހުރިހާ ތަފުސީލެއް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން މުމްބާއީގެ ހައިކޯޓަށް ހުށަހެޅުމަށް އަންގާފައެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ޝިލްޕާ ޝެޓީގެ ދެމަފިރިންގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް މިދިޔަ މަހުގެ ތެރޭ މައްސަލަ ހުށަހަޅާފައިވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީއެވެ.

ދީޕަކް ކޮތާރީ ކަމާބެހޭ އިދާރާތަކަށް ހުށަހެޅި މައްސަލައިގައި ބުނާގޮތުން ޝިލްޕާގެ ދެމަފިރިން ވަނީ އޭނާއާ ގުޅިގެން ވިޔަފާރިއެއް ހިންގުމުގެ ނަމުގައި 60.04 ކްރޯޑު ރުޕީސް (6.9 މިލިއަން ޑޮލަރު) ހޯދާފައެވެ. ނަމަވެސް، އެއްބަސްވި ވިޔަފާރިއަށް އިންވެސްޓްކުރުމުގެ ބަދަލުގައި ޝިލްޕާއާއި ރާޖް ވަނީ އެ ފައިސާއަށް ޚިޔާނާތްތެރިވެ އަމިއްލަ ބޭނުންތަކަށް ފައިސާ ޚަރަދުކޮށްފައި ކަމަށް ދީޕަކް ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ދާދިފަހުން ޝިލްޕާ ވަނީ މުމްބާއީގެ އިކޮނޮމިކް އޮފެންސެސް ވިންގަށް ހާޒިރުކޮށްފައި ކަމަށާއި އެ ތަނުގައި ހަ ގަޑިއިރު ވަންދެން ބަތަލާ ބެހެއްޓި ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް