ރާއްޖެއަށް ކުރާ ކޮންމެ ޒިޔާރަތަކީވެސް އުފާވެރި އަދި ހިތްގައިމު ހަނދާންތަކެއް ގެނެސްދޭ ދަތުރެއް ކަމަށް، ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ބުނެފިއެވެ.
ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ "ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް"ގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ޝިލްޕާ ބުނީ، އެ ރިސޯޓުން އޭނާއަށާއި އާއިލާއަށް އަދާކުރި ފުރިހަމަ މެހެމާންދާރީއަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި ދަތުރުގައި ހޭދަކުރެވުނު ވަގުތުތަކަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ ފަދަ ޚާއްޞަ ދުވަސްތަކެއް ކަމަށްވެސް ބަތަލާ ފާހަގަކުރިއެވެ. މި ދަތުރުގައި ޝިލްޕާއާ އެކު އޭނާގެ ފިރިމީހާ ރާޖް ކުންދްރާގެ އިތުރުން ދެ ކުދިން ކަމަށްވާ ވިއާން ރާޖް އަދި ސަމީޝާ ޝެޓީ ކުންދްރާ ވެސް ބައިވެރިވިއެވެ.
ޝިލްޕާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމްޝިލްޕާ އަކީ ތަކުރާރުކޮށް ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ ފަންނާނެކެވެ. މީގެ ކުރިން މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައިވެސް، އޭނާ ޗުއްޓީ ހޭދަކުރުމަށް އެންމެ އިސްކަންދޭ އަދި އެންމެ ގަޔާވާ މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެންމެފަހުން ބަތަލާ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރުގެ އާ އަހަރުގެ މުނާސަބަތާ ގުޅުވައިގެންނެވެ. އެ ދަތުރުގައި ޝިލްޕާގެ އާއިލާއިން ޗުއްޓީ ހޭދަކޮށްފައިވަނީ "ޖުމެއިރާ އޮޅަހަލި އައިލެންޑް"ގައެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ބޮޑު މަޤްބޫލުކަމެއް ހޯދި ޝިލްޕާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި އަހަރުގެ އެޕްރީލް މަހު ނެރުނު ކަންނާޑާ ފިލްމު "ކޭޑީ: ދަ ޑެވިލް"އިންނެވެ. މިހާރު ފިލްމީ ދާއިރާއިން މަދުމަދުން ނޫނީ ނުފެނުނު ނަމަވެސް، ޓީވީގެ އެކި ޕްރޮގްރާމްތަކުގެ ފަނޑިޔާރެއްގެ ގޮތުގަ އާއި ހުށަހެޅުންތެރިއެއްގެ ގޮތުގައި އޭނާ އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.