ގަވާއިދާ ޚިލާފަށް 'ވަގަށް' އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު 'ގެއްލިއްޖެ'އެވެ.
ފުލުހުން މީޑިއާ އޮފިޝަލަކު 'ސަން'އަށް ބުނީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެއީ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓެވެ. އެއީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރި ތަކެއްޗެވެ. އެ އެއްޗެހި ހުރީ ޕޯޓްސް ކުންފުނި، އެމްޕީއެލްގެ ހަވާލުގައެވެ.
އެ ކޮންޓެއިނަރުތަކުގައި ސިނގިރޭޓު ނެތްކަން އެނގުމުން އެ މައްސަލަ ތަހުގީގުކުރަން ވަނީ ފަށާފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ރޭގެ ވަގުތެއްގައެވެ. އެކަމަކު، އެ ތަކެތި މާ ކުރިން ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށް ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެކަމަކު، މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އެހެންވެ، މައްސަލައާ ގުޅޭ ގިނަ ތަފުސީލުތައް ވަނީ ލިބޭ ގޮތްނުވެފައެވެ.
މި ފަހުން ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައިވެއެވެ.
ސިނގިރޭޓާ ދުރުކުރަން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ޖެހުނު ފަހުން ރާއްޖޭގެ ބާޒާރުގައި ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު އަންނަނީ ދައުރުކުރަމުންނެވެ. އެ ފަދަ ޝިޕްމަންޓުތައް ދޭތެރެއަކުން އަތުލައިގަނެއެވެ.