2 ގްރާމް ޑުރަގާއި 3 ލައްކަ ރުފިޔާއާ އެކު ހައްޔަރުކުރުމުން ބުނީ ފޮރުވަން ދީފައި ހުރި ފައިސާ ކަމަށް

ދެ ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި ތިން ލައްކައަށްވުރެ ގިނަ ރުފިޔާއާ އެކު މީހަކު ހައްޔަރުކުރުމުން އެއީ ކުންފުންޏަކުން ފޮރުވަން ދީފައި ހުރި ފައިސާ ކަމަށް އޭނާ ބުނެފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އައްޑުއަށް ނިސްބަތްވާ 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ފުލުހުން ބުނީ، އަންގާރަ ދުވަހު އޭނާ ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ ޒުވާނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް، ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.

އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލޭގައެވެ. އުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޓިޝޫ ޕޭޕަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ބަރުދަނުގައި ހުރީ ދެ ގްރާމެވެ. އަދި، އޭނާގެ އަތުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.

އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ އަތުން ފެނުނު ތިން ލައްކައަށްވުރެ ގިނަ ރުފިޔާއަކީ ކުންފުންޏަކުން ފޮރުވަން ދީފައި ހުރި ފައިސާ ކަމަށް ސީނުގައި ޒުވާނާ ވަނީ ބުނެފައެވެ. އެ ފައިސާގެ ފުރިހަމަ މައުލޫމާތު ނޭނގޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޒުވާނާގެ ވަކީލާއި އޭނާއާ ބައްދަލުނުވާތީ ބަންދަށް ކުރު މުއްދަތެއް ޖަހައިދޭން ވަނީ އެދިފައެވެ. ފަސް ދުވަސް ދިނީ އެހެންވެ ކަމަށް ބެލެވެއެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު އެއީ މީގެ ކުރިން ވެސް މި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެކެވެ. ބަންދު އަމުރުގައި ވެސް ވަނީ އޭނާގެ ބަންދު އަދި ހައްޔަރު ރިކޯޑު އޮތްކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް