ފްރާންސަށް 48 ގަޑިއިރު ތެރޭގައި އާ ބޮޑުވަޒީރަކު ރައީސް އިމަނުއެލް މެކްރޮން އައްޔަނުކުރައްވާނެ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފިއެވެ.
ފްރާންސުން އެގޮތަށް އިއުލާނުކޮށްފައިވަނީ ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ މި މަހުގެ ހަވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރިޔާސީ އޮފީސް، އެލީސީން ނެރުނު ބަޔާނެއްގައި ބުނީ ސެބްސްޓިއަން އެކި ޕާޓީތަކާ އެކު ކުރެއްވި މަޝްވަރާތަކުން ނިންމާފައިވަނީ އަވަސް އިންތިޚާބަކަށް މަޖިލިސް އުވާލުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ތާއީދު ނުކުރާ ކަމަށާއި އަހަރު ނިމޭއިރު ބަޖެޓެއް ފާސްކުރެވޭނެ "ހަމަޖެހުމުގެ ޕްލެޓްފޯމެއް" އޮތް ކަމަށެވެ.
"މި އަސާސްގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބޮޑުވަޒީރަކު އައްޔަން ކުރައްވާނެ،" ބަޔާނުގައިވެއެވެ.
އެކަން އިއުލާނުކުރުމުގެ ކުރިން މެކްރޮން ސެބްސްޓިއަން އަލުން އައްޔަންކުރަން ނުވަތަ ބަދަލުގައި މީހަކު ނަންގަވައި، އަވަސް އިންތިޚާބެއް ބޭއްވުން ނުވަތަ މެކްރޮން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ސެބެސްޓިއަން އިސްތިއުފާދެއްވީ ފްރާންސުގެ އައު ވަޒީރުންގެ މަޖިލީހަކާއެކު ސަރުކާރު އެކުލަވާލިތާ 14 ގަޑިއިރުގެ ތެރޭގައެވެ.
ސެބެސްޓިއަން ވަޒީރުންގެ މަޖިލިސް އެކުލަވާލިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކުއްލި ގޮތަކަށް އިސްތިޢުފާ ދެއްވީ، ސަރުކާރު ވައްޓާލާނެކަމަށް ސިޔާސީ ވާދަވެރިންގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުން ވެސް އިންޒާރު ދެމުންދާތީ، މަޤާމުގެ މަސްޢޫލިއްޔަތު ފުރިހަމަ އަދާކުރެއްވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވުމަށް ފަހުއެވެ.
ވާދަވެރިން ހިތްހަމަނުޖެހުނީ އާ ސަރުކާރަށް އައްޔަނުކުރި ގިނަ ބޭފުޅުންނާ ނުރުހޭތީއެވެ.
ދިފާއީ ވަޒީރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ސެބެސްޓިއަންއަކީ ދެ އަހަރަށް ވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އައްޔަންކުރި ފްރާންސްގެ ފަސްވަނަ ބޮޑުވަޒީރެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ ވޯޓުގައި އޭނާގެ ޕާޓީއަށް ލިބުނު ބޮޑު ގެއްލުމަކާ ގުޅިގެން ސާފު އަޣުލަބިއްޔަތެއް ހޯދުމަށް އިންތިޚާބު ބޭއްވުމަށް މެކްރޮން ގޮވާލެއްވުމުން 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ފްރާންސްގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އެކަމާ ގުޅިގެން އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޚާއްސަކޮށް ސަރުކާރުން ސޮވެރެން ބޮންޑާއި ސްޓޮކް ގަނެފައިވާ އިންވެސްޓަރުންގެ މެދުގައި އޮތް ކަންބޮޑުވުން އިތުރުވެފައިވާ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެ ގައުމަށް އިގުތިސާދީ ކާރިސާއެއް ކުރިމަތިވެފައިވަނީ ދައުލަތުގެ ދަރަނި ވެސް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.