މީހަކު ރަހީނުކޮށް، ބަރަހަނާކޮށްގެން ވީޑިއޯ ނަގައި ފައިސާ ފޭރުނު 2 ޒުވާނުން ބަންދުކޮށްފި

ބަންދުކޮށްފައިވާ ސަރަހައްދެއްގައި ފުލުހަކު މީހުންތަކެއް ކައިރީ: މީހަކު ރަހީނުކޮށް، ތޫނު ހަތިޔާރަކުން ބިރުދައްކައިގެން ފައިސާތަކެއް ހޯދި ދެޒުވާނުން ބަންދަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ބަރަހަނާކޮށް، ބިރު ދައްކައިގެން ފައިސާތަކެއް ހޯދި ދެ ޒުވާނުން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 29 އަހަރާއި 27 އަހަރުގެ ދެ ޒުވާނުންނެވެ.

ފުލުހުން ބުނީ، އެ މީހުން މިދިޔަ މަހު އެއްވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެއެއް ތެރޭގައި މީހަކު ރަހީނުކުރުމަށް ފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި، އެ މީހާގެ ބަރަހަނާކޮށް، ފޮޓޯއާއި ވީޑިއޯ ނަގައި، ފޯނާ ފައިސާތަކެއް ހޯދި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ފަހުން، މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ދެ ޒުވާނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށާއި 29 އަހަރުގެ މީހާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން 29 އަހަރުގެ މީހާއަކީ ކުރިން ވެސް މި ފަދަ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. އޭރު އޭނާ އެފަދައިން ފޭރުނު އިތުރު މީހުން ވެސް ތިބެދާނެ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި، ވަޅިތަކެއް ވެސް އަތުލައިގަތެވެ.

މީހުން ރަހީނުކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެގޮތުން، މިދިޔަ އޮގަސްޓު 30ގައި މީހަކު ރަހީނުކޮށް، އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް