ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ރޭ ފުލުހުން ހިފައްޓައިފިއެވެ.
އެކްސްގައި ސަރުކާރާ ދެކޮޅަށް ވާކާލާތުކުރާ ޝިމަންގެ ފޯނު ފުލުހުން ހިފައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ ޝިމަންގެ ފޯނު ހިފެއްޓީ މިދިޔަ މަހު 20ގައި އެކްސްގައި ރައީސް އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮށްފައިވާ ކޮމެންޓަކާ ގުޅިގެން ހެއްކާ ގަރީނާ ހޯދުމަށް ކަމަށެވެ. އެ މައްސަލަ ބަލާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށާއި އަމުރު ހިނގާނީ އަންނަ މަހު ފަހެއްގެ ނިޔަލަށް ކަމަށް އަމުރުގައިވެއެވެ.
އަމިރުގައިވާ ގޮތުން، މި މައްސަލަ ބަލަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓުމަންޓުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ވެސް ހިފައްޓާފައެވެ. އޭނާގެ ފޯނު ހިފެއްޓީ، ފޭސްބުކް ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކަމަށް އަމުރުގައިވެއެވެ.
އެހެންވެ، އެމްޑީޕީގެ ގިނަ ބަޔަކު އަންނަނީ އެ ކަމާ ނުރުހުން ފާޅުކުރަމުންނެވެ.