އައުޓުޑޯ ޔުނިޓެއް ވަގަށް ނެގުން: ކޯޓުގައި ބުނީ މީހަކު ބުނެގެން ނެރެލަދިނީއޭ

މީގެ ކުރިން ހިނގި ވައްކަމެއްގައި ފުލުހުން އަތުލައިގަތް އޭސީ ޔުނިޓެއް-- ފޮޓޯ: ފުލުހުން

އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި, ކުށުގެ ރެކޯޑް ގިނަ ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ށ. މިލަންދުއަށް ނިސްބަތްވާ, އުމުރުން 29 އަހަރުގެ އެ ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ދީފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ ޒުވާނާ ހައްޔަރު ކޮށްފައިވަނީ, ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ އައުޓްޑޯ ޔުނިޓެއް ހިފައިގެން ދަނިކޮށެވެ.

ފުލުހުން ކުރާ އެ ވައްކަމުގެ ތުހުމަތާ ގުޅިގެން އެ ޒުވާނާ ކޯޓުގައި ބުނެފައި ވަނީ, މީހަކު ބުނެގެން އެ އައުޓްޑޯ ޔުނިޓް ބޭރަށް ނެރެލަ ދިނީ ކަމަށެވެ.

އެ ޒުވާނާއަކީ ވައްކަމާއި, މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް ގިނަ މީހެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ހުންނަ އޭސީ އައުޓްޑޯ ވަގަށް ނެގުމަކީ މީގެ ކުރިން ވެސް ހިނގާ ކަމެކެވެ. އެ ގޮތަށް ވަގަށް ނަގާ އައުޓްޑޯ ޔުނިޓްތައް ވިއްކަން އުޅެނިކޮށް ވެސް ބައެއް މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް