ދޫނިދޫގައި ހައްޔަރުކޮށްފައި ތިބި އެމްޑީޕީ މެންބަރުން ދޫކޮށްލަން ގޮވައި، ސިލްސިލާ ހަރަކާތް ބާއްވަނީ

އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު ޢަބްދުﷲ ހައްޔަރުކޮށްގެން ގެންދަނީ -- ސަން ފޮޓޯ/ އަހްމަދު ފިރްޔަލް

މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކުރުމަށްފަހު ދޫނިދޫގައި މިވަގުތު ބަންދުކޮށްފައިތިބި އެ ޕާޓީގެ މެންބަރުން ދޫކޮށްލަން ގޮވާލައި، ސިލްސިލާ ހަރަކާތްތަކެއް ފަށައިފިއެވެ.

މިރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހަ ކުރިމަތީ ބޭއްވި ހަރަކާތް ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކޮށް އެ ޕާޓީގެ ހަ މެންބަރަކު ޖަލަށްލީ ސިޔާސީ މަގްސަދެއްގައި ކަމަށެވެ.

ސިޔާސީ ހައްޔަރީން ޖަލުގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ކަމަށް، ނިޔާޒް ވިދާޅުވިއެވެ.

ދޫނިދޫގައި ތިބި އެ ޕާޓީގެ މެންބަރުން ދޫކޮށްލަން ގޮވާލައި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ކުޑަ ތަފްސީލެއް ހިއްސާކުރައްވައި އޭނާ ވިދާޅުވިގޮތުގައި މި ހަރަކާތްތައް މާލޭގެ އިތުރުން އެ މެންބަރުންގެ ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެއެވެ.

"ޕޯސްޓަރު ހިއްޕުން ހަމައެކަނި މާލެއަކުނޫން، ރަށްރަށުގަވެސް މި ހަފުތާ ތެރޭގަވެސް، ހައްޔަރީންގެ އެކި ރަށްރަށަށް ޒިޔާރަތްކޮށްގެން ވެސް އަޅުގަނޑުމެން މި މަސައްކަތްކުރާނަން،" ނިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ އެއްވުމުން ހައްޔަރުކޮށް، ބަންދު ޖަހައިފައިވާ މީހުން: ބޭސް ފަރުވާ ނުލިބޭ ކަމަށް ބުނެ، އެ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައި -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ އެއްވުމުން ހައްޔަރުކުރި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ:

  • ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله
  • ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފް
  • މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް
  • އަޒީމް އަލީ
  • އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން
  • ޙަސަން ޝާކިރު

ފާހަގަކުރެވޭ ގޮތުގައި، އިއްޔެ ދޫނިދޫގައި މި މެންބަރުން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކޮށްފައެވެ.

comment ކޮމެންޓް