ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ ގޮތުގައި ބޭންކުގައި 5000 ޑޮލަރު ހިމަނާފައި އޮތްނަމަވެސް، އޭނާއަށް މަހެއްގެ މައްޗަށް 34000 އަށްވުރެ ގިނަ ޑޮލަރު ޖަމާވި ކަމަށް ކްރިމިނަލް ކޯޓުގައި ހާމަކޮށްފިއެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އެއް މައްސަލަ ސާބިތުވެ، އޭނާގެ މައްޗަށް މިއަދުވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މިއަދު އޭނާގެ މައްޗަށް ސާބިތުވީ ޚިޔާނާތުގެ މައްސަލައެކެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހިމެނޭ ބައެއް ތަފުސީލަށް ބަލާއިރު، ބައްސާމްގެ ނަމުގައި އޮންނަ ގްލޭސިއާ އިންވެސްޓްމެންޓް ކުންފުނިން އެފްއޭއެމްގެ ފައިސާއިން ވިޔަފާރިކޮށްފައިވާކަމަށް އޮތެވެ. އެގޮތުން ގްލޭސިއާ އިންވެސްޓްމެންޓްގެ ދަށުން ހިންގަމުން އަންނަ ވިޔަފާރިތަކުންވަނީ ސިންގަޕޫރުގެ އެކިއެކި އަގުބޮޑު ފިހާރަތަކުން ވިޔަފާރިކޮށްފައި ކަމަށް ކޯޓުގެ ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން އެ ހުކުމުގައިވާ ގޮތުން، ބައްސާމަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ ގޮތުގައި ބޭންކުގައި 5000 ޑޮލަރު ހިމަނާފައި އޮތްނަމަވެސް، މަހެއްގެ މައްޗަށް އޭނާއަށް 34000 އަށްވުރެ ގިނަ ޑޮލަރު ޖަމާވެފައިވެއެވެ.
ބައްސާމަށް ޚިޔާނާތުގެ ދައުވާ ކުރީ، އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި މައްސަލައިގައެވެ.
އެ މައްސަލައާއެކު މަނީ ލޯންޑްރިންގެ ދައުވާވެސް ބައްސާމްގެ މައްޗަށްވަނީ އުފުލާފައެވެ. އެކަމަކު އެ މައްސަލައިގެ ހުކުމް އަދި ނުއިއްވައެވެ. އަދި އެހެން ދެ މައްސަލައެއްވެސް ފަށައިގެން މިހާރު ކުރިއަށްގެންދެއެވެ.