ބައްސާމަށް ދިމާވި ހާލަތާމެދު ހިތާމަކުރަން: އާޒިމް

ބައްސާމް އަދި އާޒިމް: އާޒިމް ވަނީ ބައްސާމަށް ދިމާވި ހާލަތާމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައި --

ޚިޔާނާތުގެ ދައުވާއެއް ސާބިތުވެ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާއެކު ބައްސާމަށް ދިމާވި ހާލަތާމެދު ހިތާމަ ކުރައްވާ ކަމަށް އެފްއޭއެމްގެ ފުރަތަމަ އިންތިބީ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުން ބައްސާމާ ދެކޮޅަށް އުފުލި ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދެ ދައުވާގެ ތެރެއިން، ޚިޔާނާތުގެ މައްސަލަ ސާބިތުވެ ބައްސާމްގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވީ މިއަދެވެ.

މި މައްސަލައާއެކު ކުރިއަށް ގެންދިޔަ މަނީ ލޯންޑްރިންގެ މައްސަލައާއި، އިތުރު އެހެން މައްސަލަތަކެއްވެސް އަދިވެސް ޝަރިއަތުގައި އެބައޮތެވެ.

https://sun.mv/212400

ބައްސާމަށް މިއަދު އިއްވި ހުކުމާ ގުޅޭ ގޮތުން، އެފްއޭއެމްގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސް އާޒިމް ވިދާޅުވީ، ބައްސާމަށް ދިމާވި ހާލަތާމެދު ހިތާމަ ކުރައްވާ ކަމަށެވެ. ހުކުމާއެކު ހިތްވަރު ގަދަ ކުރުމަށް ބައްސާމަށް ނަސޭހަތް ދެއްވައި އާޒިމް ވިދާޅުވީ އަދި މި ދުވަސްވެސް ގޮސް، ބައްސާމް އެނބުރި އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އެކުވެރި ބައްސާމަށް މި ދިމާވި ހާލަތާމެދު ހިތާމަކުރަން. ބައްސާމާ މެދު ވިސްނޭ، އަދި މި ހުކުމަށް ފަހު ރަނގަޅު ދުވަސްތައް އަންނާނެ، މިކަމުން އަރައިގަނެވޭނެ. އަދި މިކަމުގައި ބައްސާމް ތިހުރީ އެކަނި ނޫންކަންވެސް ހަނދާންކޮށްދެން،" އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލަތައް އެކި ފަހަރު ފެންމަތި ކުރެއްވި ކުރީގެ އެފްއޭއެމްގެ ޗެއާމަން އާޒިމް ވިދާޅުވިއެވެ.

ބައްސާމްގެ ހުކުމާއެކު ބައްސާމްގެ ހާލަތާ މެދު ހިތާމަ ކުރައްވާކަމަށް އާޒިމް ވިދާޅުވިއިރު، ބައްސާމް އިސްވެހުރެ، އާޒިމްގެ އާއިލީ ކްލަބު ނިއުރޭޑިއަންޓް ސަސްޕެންޑްވެސް ކުރިއެވެ. އަދި އޭރު ބައްސާމް އެފްއޭއެމް ހިންގެވި ގޮތާމެދު އާޒިމްވަނީ އެކި ފަހަރުމަތިން ފާޑު ވިދާޅުވެ، އެފްއޭއެމްއާ ގުޅޭ މައްސަލަތައް މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ. އެކަމަކު އޭރު އާޒިމް ކުރެއްވި މަސައްކަތްތައް ދިޔައީ ކޮޅެއްގައި ނުޖެހިއެވެ.

comment ކޮމެންޓް