އޭޝިއާގެ ޝޫޓިން މުބާރާތުން ރާއްޖެއަށް ތާރީހީ ލޯ މެޑަލް

މުބާރާތުގައި ރާއްޖެއިން ބްރޮންޒް މެޑަލް ހޯދައިދިން އެތުލީޓުން-- ފޮޓޯ: ޝޫޓިން އެސޯސިއޭޝަން

އިންޑިއާގައި މިއަދު ފެށި އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕް 2026 ގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ޖޫނިއާ ޓީމު ތާރީހީ ލޯ މެޑަލް ހޯދަައިފިއެވެ.

ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމު ލޯ މެޑަލް ހޯދީ މުބާރާތުގެ އެއާ ޕިސްޓަލް މެންސް ޔޫތު ޓީމު އިވެންޓުގައި ވާދަކޮށްގެންނެވެ.

އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ ހަތަރަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ ޓީމުން ލޯ މެޑަލް ހޯދިއިރު، މި ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަލީ ޒަކްނޫން އަޙްމަދާއި، ރެހެންދި ސްކޫލުގެ މުޙައްމަދު އަޝްހަމް ބިން ޝާހިދުގެ އިތުރުން ސީއެޗްއެސްސީގެ ހާދު އަލީ ނަސީފްއެވެ.

މުބާރާތުގެ ލޯ މެޑަލް ހޯދި ރާއްޖެ ޓީމާއެކު އެއްވަނަ އަދި ދެވަނަ ޓީމު-- ފޮޓޯ: ޝޫޓިން އެސޯސިއޭޝަން

މި ތިން އެތުލީޓުންގެ ތެރެއިން ޒަކްނޫނާއި އަޝްހަމް ވަނީ މިދިޔަ އަހަރު އޮތް ނޭޝަނަލް ޝޫޓިން ޗެމްޕިއަންޝިޕުގައި ރަން މެޑަލް ހޯދާފައެވެ. އަދި ހާދު ވަނީ ރިހި މެޑަލް ހޯދާފައެވެ.

މި އިވެންޓުގެ ރިހި މެޑަލް ކަޒަކިސްތާނުން ހޯދިއިރު އެއްވަނަ ހޯދީ މުބާރާތް ބާއްވާ އިންޑިއާއެވެ.

ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޝޫޓިން ރޭންޖެއް ނެތި ދިވެހި އެތުލީޓުން މި ހޯދީ އަނެއްކާވެސް ތާރީހީ ބޮޑު ކާމިޔާބީއެކެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގައި ރާއްޖޭގެ މަރްޔަމް އީޝަލް ވަނީ މުބާރާތުގެ އިންޑިވިޖުއަލް އަންހެން ޖޫނިއާ އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.

ރާއްޖޭގެ ތިން އެތުލީޓުން މިފަހަރު ހޯދީ މުބާރާތުގެ ފުރަތަމަ ދުވަހު ޓީމު އިވެންޓުން ބްރޮންޒް މެޑަލްއެވެ. އަދި ކުރިއަަށް މުބާރާތުގައި އިތުރު އިވެންޓުތަކެއް ހިމެނެއެވެ. މި ކާމިޔާބީއާއެކު ރާއްޖެއަށް އިތުރު ކާމިޔާބީތައް ލިބުމުގެ އުންމީދު ބޮޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު